ޓޫރިސްޓުން ޒިޔާރަށްކުރާ ރިސޯޓުތަކަށް މޫނު ނިވާކޮށްގެން ތިބެ މީހުން އަރައި، ރިސޯޓުތަކުގައި ބޮޑެތި ވައްކަންތައް ހިންގާ ނަމަ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިޞާދަށް ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުންވާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓުތަކަށް ފޭރޭ މީހުން މޫނުނިވާކޮށްގެން ތިބެ ދަންވަރު އަރައި އެތަންތަނުގައި ތިބޭ މީހުން ބަނދެ ރަހީނުކޮށް ތިޖޫރީ ވަގަށްނަގައި، ރާއްޖޭގެ ރިޒޯޓްތައް ނާމާންކަމުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށެވެ.
އެމްޑީޕީ އިން ބަޔާނެއް ނެރެފައި މިވަނީ ބ. އަތޮޅުގައި އޮންނަ ޓޫރިސްޓް ރިސޯޓެއް ކަމަށްވާ ރީތި ބީޗަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އަރައި އެ ރަށުގައި ހުރި ދެ ތިޖޫރީއެއް ވަގަށް ގެންފޮސްއިވާ ދަނޑިވަޅެއްގަ އެވެ.
އެމްޑީޕީ އިން ބުނީ އެއީ ކުރިން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ބިރުވެރިކަމެއް ނޫން ކަމަށެވެ.
"އަދި ފަތުރުވެރިން ޒިޔާރަތްކުރާ ރިޒޯޓުތަކަށާއި، ފަތުރުވެރިކަން ހިންގާ ފަރާތްތަކަށާއި އަދި ފަތުރުވެރިންނަށް ވެސް މިފަދަ ނުރައްކަލާއި ނާމާންކަމާ ކުރިމަތިލާންޖެހުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިޞާދަށް ފޫނުބެދޭވަރުގެ ބޮޑެތި ގެއްލުންވާނޭކަމެކެވެ." އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީ އިން ބުނީ އެކަން ހުއްޓުމެއް ނެތި ކުރިއަށް ދަނީ ރާއްޖޭގައި އަމަން ގާއިމު ކުރުމަށް ސަރުކާރު ފެއިލްވެފައި ވާތީ ކަމަށެވެ. އަދި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނާ ރިސޯޓުތަކުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ފިޔަވަޅުތައް ނާޅާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ރިސޯޓުތަކުގެ ތިޖޫރީތައް ފޭރިގަނެގެން ގެންގޮސްފައިވާ މައްސަލަތަކުގެ ފުރިހަމަ ޖިނާއީ ތަހުގީގު ހިންގުމަށާއި ރިސޯޓުތައް ހިންގާ ފަރާތްތަކާއި ރާއްޖެ ޒިޔާރަތްކުރަން ތިބި ފަތުރުވެރިންނަށް އިތުބާރުކުރެވޭނޭ ގޮތަށް އެ ތަޙްގީގުތައް ހިންގުމަށާއި އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
އޭގެ އިތުރުން ތިޖޫރީތައް ފޭރިގަނެގެން ގެންދިއުމުގެ ޖަރީމާތައް ހިންގުމުގައި ފުލުހުން ޝާމިލު ނުވާކަމުގެ ޔަގީންކަން ދިނުމަށް ވެސް އެ ޕާޓީ އިން ވަނީ ގޮވާލައިފަ އެވެ.