ސްވިމިން އެސޯސިއޭޝަން: 4.6 މިލިއަން ރުފިޔާގެ ބަޖެޓުގެ ބޮޑު ބައެއް ޑިވެލޮޕްމަންޓަށް

ސްވިމިން އެސޯސިއޭޝަންގެ އަހަރީ ޢާންމު ބައްދަލުވުމުން އެ އެސޯސިއޭޝަންގެ މި އަހަރުގެ ބެޖެޓަށް ކަނޑައަޅާފައި ވަނީ 4,650,638.11 ރުފިޔާ އެވެ. މިއަހަރުގެ ބަޖެޓުން ބޮޑު އިންސައްތައެއް ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ސްވިމިންގެ ޑިވެލޮޕްމަންޓަށެވެ.

ސްވިމިންގެ އެސޯސިއެޝަންގެ ނައިބުރައީސް އިސްމާޢީލް ޢަލީ 'ސަން' ވިދާޅުވީ، ބަޖެޓްގައި ބޮޑު އަހަމިއްޔަތެއް ސްވިމިންގެ ޓެކްނިކަލް ޑިވެލޮޕްމަންޓަށް ދިނުމަށް އެސޯސިއޭޝަންގެ އެކްސްކޯ މެންބަރުން އިއްތިފާޤުވާ ކަމަށެވެ.

މުއައްސަސާއެއް ހިންގުމުގައި އެންމެ ބޮޑު ޚަރަދެއް ހިނގާ އެއް ކަމަކީ ރިކަރަންޓް ޚަރަދާއި އިދާރީ ހިންގުމުގެ ޚަރަދުތަކެވެ. ނަމަވެސް އިސްމާޢީލް ވިދާޅުވި ގޮތުން ސްވިމިން އެސޯސިއޭޝަންގެ ސީދާ ބަޖެޓުން އިދާރީ ކަންކަމަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ 23000 ރުފިޔާއެވެ. އޭގެ ސަބަބުތައްވެސް އިސްމާޢީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓްނަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ބައެއް ކަންކަން ހަމަޖެހިގެންދޭ، މިސާލަކަށް އޮފީހުގެ އިންޓަނެޓް އެއީ ދިރާގުން ހިލޭ ފޯރުކޮށްދޭ ޚިދުމަތެއް،" އިސްމާޢީލް ވިދާޅުވިއެވެ.

ބަޖެޓް އެކުލަވާލާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދޭ ފައިސާއާއި، ރާއްޖޭގައި ހިންގާ މުބާރާތްތަކުގައި ސްޕޮންސާޝިޕް ދޭ ކުންފުނިތަކުން ލިބޭ އެއްޗަކާއި، ބައިނަލްއަގުވާމީ ސްވިމިންއާ ބެހޭ އިދާރާ (ފީނާ) ގެ ޕްރޮގްރާމުތަކުން ލިބޭ އެހީތެރިކަމެއްގެ މައްޗަށް ކަމަށް އިސްމާޢީލް ވިދާޅުވިއެވެ.

comment ކޮމެންޓް