އިނގިރޭސި ޝާހީ ކައިވެނީގެ ރަސްމިއްޔާތަށް ދަޢްވަތު އެރުވި ފަރާތްތަކުގެ ލިސްޓް ހާމަކޮށްފި

ލަންޑަން : މިމަހުގެ 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިނގިރޭސި ރާނީގެ މާމަ ދަރިފުޅު އަމީރު ވިލިޔަމް އާއި އޭނާގެ ލޯބިވެރިޔާ ކޭޓް މިޑްލްޓަންގެ ކައިވެނީގެ ޙަފްލާއަށް ދަޢްވަތު އެރުވިފައިވާ މެހްމާނުންގެ ލިސްޓް ބަކިންގހަމް ޕެލަސްއިން ނެރެފިއެވެ.

ލަންޑަންގެ ވެސްޓްމިނިސްޓަރ ފައްޅީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝާހީ ކައިވެނީގެ މިރަސްމިއްޔާތަށް ދަޢްވަތު އަރުވާފައިވަނީ މައިގަނޑުގޮތެއްގައި އިނގިރޭސިވިލާތާއި ހުޅަނގުގެ ސެލެބްރިޓީން (މަޝްހޫރު މީހުންނާއި ފަންނާނުން) ނަށާއި ދުނިޔޭގައި ވިރާޘީ ރަސްކަންކުރާ ޤައުމުތަކުގެ ޝާހީ ޢާއިލާތަކުގެ ބައެއް އަމީރުންނަށާއި އަމީރާއިންނަށެވެ.
މީގެތެރޭގައި، ޑެންމާރކް، ސްވިޑްން، ސްޕޭން، ނޯވޭ، ހޮލެންޑް، މޮނާކޯ، އަދި ބެލްޖިޔަމްފަދަ ޔޫރަޕް ޤައުމުތަކުގެ ޝާހީ ޢާއިލާތަކުގެ ބައެއް މެންބަރުންނާއި ޢަރަބިކަރައިގާ ވިރާޘީ ރަސްކަންކުރާ އުރުދުން، ސަޢޫދީ އަރަބިޔާ، ބަޙްރައިން، މަޣްރިބް، ޢުމާން، ޤަތަރު، ކުވައިތު އަދި ޔޫ.އޭ.އީ. ފަދަ ޤައުމުތަކުގެ ޝާހީ ޢާއިލާތަކުގެ ބައެއް މެންބަރުން ހިމެނެއެވެ.

ޝާހީ ކައިވެންޏަށް ދަޢްވަތު ދެވިފައިވާ ފަންނާނުންނާއި މަޝްހޫރު މީހުންގެ ތެރޭގައި އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްއާއި އޭނާގެ އަންހެނުން ވިކްޓޯރިޔާއާއި ލަވަކިޔުންތެރިޔާ އެލްޓަން ޖޯންއާއި ފިލްމު ޑައިރެކްޓަރ ގެއި ރިޗީއާއި މަޝްހޫރު ކޮމިޑީ ފަންނާނު އެޓްކިންސަން ނުވަތަ "މިސްޓަރބީން" ފަދަ ސެލެބްރިޓީން ހިމެނެއެވެ.

"މިސްޓަރ ބީން" އަކީ ވިލިޔަމްގެ ބައްޕަ އަދި އިނގިރޭސި ވަލީއުލްޢަހްދު އަމީރު ޗާލްސްގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ.

އިނގިރޭސި ޝާހީކައިވެންޏަށް ދަޢްވަތު އެރުވުނު ބޭފުޅުންގެ ލިސްޓްގައި ރައްޔިތުންގެ އިންތިޚާބު ކޮށްގެން ޑިމޮކްރެޓިކް އުސޫލުން ދުނިޔޭގެ ޤައުމުތަކުގައި ވެރިކަން ކުރައްވާ ރައީސުންނާއި ބޮޑުވަޒީރުން ފަދަ ލީޑަރުން ހިމެނިވަޑައެއް ނުގަންނަވައެވެ.
މިސާލަކަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަދި ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީ ފަދަ ޑިމޮކްރެޓިކް ވެރިން ހިމެނިވަޑައެއް ނުގަންނަވައެވެ.

އިނގިރޭސި ޝާހީ ކައިވެނީގެ ވަގުތު ކުޑަތަންވަމުން އަންނައިރު މިކަމާނުރުހޭ އަދި އިނގިރޭސި ޝާހީ ޢައިލާދެކެ ނަފްރަތުވާ އިނގިރޭސި ރައްޔިތުންގެ ޢަދަދާއި ނިސްބަތްވެސް މަދެއްނޫނެވެ.

އިނގިރޭސި ޝާހީ ޢާއިލާއާއި އިނގިރޭސި ބޯދާ ރަސްކަމުގެ ނިޒާމުގެ މަތިން ފޫހިވެފައިވާ އިނގިރޭސި ރައްޔިތުންގެ ނިސްބަތް 50 އިންސައްތައަށްވުރެ މަތިކަން ޚިޔާލު ހޯދުމުގެ އެކިސަރވޭތަކުން ހާމަވެފައިވެއެވެ.

ޝާހީ ޢައިލާދެކެ އިނގިރޭސި ޢާންމު ރައްޔިތުންގެ ގިނަބަޔަކު ނަފްރަތު ކުރަނީ ދައުލަތުގެ ފައިސާގައި އެމީހުން އެއްވެސް ވިސްނުމެއްނެތި ތާއަބަދަށް އަރާމު ދިރިއުޅުމާއި އުފަލާއި މަޖަލުގައި އުޅޭއިރު އާންމު ރައްޔިތުންގެ ގިނަބަޔަކު މިފަދަ އިމްތިޔާޒްތަކުން މަޙްރޫމްވެފައިވުމާއި ޝާހީ ޢާއިލާގެ މެންބަރުންނަކީ (ބޭފުޅުންނަކީ) އާންމު ރައްޔިތުންނާ ގުޅުންނެތް އެކަހެރި އަދި އަބުއި ބަޔަކަށް ވާތީއެވެ.

އިނގިރޭސި ރައްޔިތުންގެ މައްޗަށް އަމުރުތައް ނެރުމާއި ޤައުމުގެ ވެރިކަން ކުރުމުގެ ބާރު ރާނީއަށާއި ޝާހީ ޢާއިލާއަށް ނެތްނަމަވެސް ޝާހީ ޚާންދާނެއް އޮތުމާއި، ޝާހީ ނިޒާމެއް އިނގިރޭސިވިލާތުގައި އޮތުމުގެ ބޭނުމާމެދު އިނގިރޭސި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވެފައިވެއެވެ.
ރާނީ އެލިޒަބަތް ވަނީ އޭނާގެ މާމަދަރިފުޅު ވިލިޔަމްއާއި ވިލިޔަމްގެ ލޯބިވެރިޔާ ކޭޓްގެ ކައިވެންޏަށް ޝާހީ ރުހުން ދެއްވާފައެވެ.
އިނގިރޭސި ޝާހީ ކައިވެނީގެ ރަސްމިއްޔާތުދެކެ ފޫހިވާތީ އެރަސްމިއްޔާތު ނުބެލުމުގެ މަޤްސަދްގައި އިނގިރޭސި ރައްޔިތުންގެ އެތަށް މިލިޔަން ބަޔަކު އަންނަ ހަފްތާގައި ލަންޑަނުން ބޭރަށާއި އަދި ޤައުމުން ބޭރަށް ފުރަން ތައްޔާރުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ވިރާޘީ ރަސްމަތިފުށުގެ ބޭފުޅުންގެ ބޯދާ އަދި އަބުއި ޙަރަކާތްތައް ބަލާލައި އެޙަރަކާތްތަކުން ހިތްހަމަ ޖައްސާލުމަށް ޝައުޤުވެރިވާ މީހުންވެސް އިނގިރޭސިވިލާތުގައާއި އެހެން ޤައުމުތަކުގައި މަދެއްނޫނެވެ.
އެހެންކަމުން ވިލިޔަމް އާއި ކޭޓްގެ ކައިވެނީގެ ރަސްމިއްޔާތު ދުނިޔޭގެ އެކިޤައުމުތަކުގައި ދެ ބިލިޔަނެއްހާ މީހުން ޓީވީ މެދުކޮށް ބަލާނެކަމަށް ބައެއް ފަރާތްތަކުން ލަފާކުރެއެވެ.

މިރަސްމިއްޔާތު ކަވަރ ކުރުމަށްޓަކައި އިނގިރޭސިވިލާތުންނާއި ދުނިޔޭގެ އެކިޤައުމުތަކުން 8 ހާސް ނޫސްވެރިން މި ހަފްތާގެ ފަހުކޮޅު ލަންޑަނަށް ޖަމާވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
މީގެ ތިރީހަކަށް އަހަރު ކުރިން ވެސްޓްމިނިސްޓަރ ފައްޅީގައި ބޭއްވި، ވިލިޔަމްގެ މަންމަ އާއި ބައްޕަ (އަމީރު ޗާލްސް އާއި ލޭޑީ ޑަޔާނާ) ގެ ކައިވެނީގެ ރަސްމިއްޔާތު، ޓީވީ މެދުވެރިކޮށް ދުނިޔޭގައި ބަލާފައިވަނީ އެންމެ 7 ލައްކައެއްހާ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު