ފެން މާގަނޑު ވަގަށް ނަގާވަރުން "ފެންމާ" ބަންދުކޮށްފި

މޫދަށް އެރޭ މީހުންނަށް ހާއްސަ ފެންމާ: އެތަން ވަނީ މިހާރު ބަންދުކޮށްފައި-- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

މާލޭ ޓްރެކް ސަރަހައްދަށް މޫދަށް އެރޭ މީހުން ހިލޭ ސާފް ފެނުން ފެންވެރޭނެ އިންތިޒާމް ހަމަޖައްސާފައިވާ "ފެންމާ" ތަކުގެ މާގަނޑާއި އެހެނިހެން ސާމާނު ވަގަށް ނަގާތީ އެތަން މަރާމާތައް ބަންދުކޮށްފި އެވެ.

ސުޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އެތަނުގެ މާގަނޑުތަކާއި އެމާގަނޑުގެ އެކިއެކި ބައިތައް ވަގަށް ގެންދާތީ އެތަކެތި އެތައް ފަހަރަކު ބަދަލުކޮށް ބޮޑުހޭދައެއް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބެލެހެއްޓޭ ވަރަށްވުރެ އޭގެ އެއްޗެހި ލުހެ، ނަގާ، ނައްޓާ މިކަހަލަ ކަންކަން ދިމާވާތީވެ، އިރުއަރާއިރު މާގަނޑު އެބަ ގެންދޭ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަން ބަންދުކޮށްފައި ވަނީ މަރާމާތަކަށް ކަމަށާއި އަނބުރާ ހުޅުވާނެ ދުވަހެއް އަދި ބުނަން ނޭންގޭ ކަމަށެވެ.

މޫދުން އެރި ފެންވަރާލުމަށް ހަމަޖައްސާފައިވާ އެތަނުގައި މަސްކެނޑުމާއި އެފަދަ ކަންކަން ކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އަށް މަސް ކުރިން ހުޅުވި އެ "ފެންމާ"އަކީ މޫދަށް އެރިއުޅޭ ފަރާތްތަކުން ސާފު ފެނުން ފެންވަރާލުމުގެ ފުރުސަތު ދިނުމަށް ސްޓެލްކޯއިން ހުޅުވިތަނެކެވެ. އެތަނުގައި ހަ މާގަނޑު ބަހައްޓާފައި ހުއްޓެެވެ.

އެތަން ހުޅުވި ދުވަހު ސުޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ ފެންމާގަނޑުތައް ސާފުތާހިރު ކަމާއެކު ބޭނުން ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ނަމަވެސް މިއަދު އެތަންވަނީ ހިރަފުސްވެ ހަޑިވެފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ފަތަންދާ ޓްރެކް ސަރަހައްދުގައި މީގެ ކުރިން މީހުން މޫދަށް އެރުމަށްފަހު ލޮނު ފިލުވުމަށްޓަކައި ގެއިން ޖެހެނީ ފުޅިފުޅިއަށް އަޅައިގެން ފެން ގެންދާށެވެ.

comment ކޮމެންޓް