ތަންފީޒީ ނިޒާމާއި ޖުޑިޝަރީއާ ދެމެދު އޮތް ދުރުމިނަކީ ބޮޑު ގޮންޖެހުމެއް: އުމަރު

މިނިސްޓަރު އުމަރު ނަސީރު-- ސަން ފައިލް ފޮޓޯ

ގާނޫނު ތަންފީޒުކުރުމުގެ ނިޒާމާއި އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމާއި ދެމެދު އޮންނަ ދުރުމިނަކީ ދިމާވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އިންސްޓްޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސް (އައިލްސް) އިން ފުރަތަމަ ޑިގްރީ ނިންމި ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އެއީ ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކަށް ދިމާވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"...މިއަދު ދުނިޔޭގައި ޑިމޮކްރެޓިކް ގައުމުތަކުގައި ދިމާވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް، އަދުލު އިންސާފުގެ ނިޒާމާއި އަދި ގާނޫނު ގާނޫނު ތަންފީޒުކުރުމުގެ ނިޒާމާއި މިދޭތެރޭގައި، ނުވަތަ ރައްޔިތުންނާ އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމާއި ދޭތެރޭގައި މިހުރި ފަރަގުތަކާއި މިހުރި ދުރުމިން،" މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނު ހިންގުމުގެ ނިޒާމާއި އަދުލު އިންސާފުގެ ނިޒާމާއި ދެމެދު ހުންނަ ދުރުމިނުގެ ސަބަބުން ގޮންޖެހުން ކުރިމަތިވާ ގޮތުގެ މިސާލެއްގެ ގޮތުގައި އުމަރު ވިދާޅުވީ ގެއެއްގައި މަސްތުވާތަކެތި ބަންދުކުރާ ކަމުގެ ހަބަރު ލިބުމުން ފުލުހުން އެގެއަކަށް ވަންނަން ޖެހޭ ވަގުތަކީ ވަރުބަލިކަމާ އެކު ފަނޑިޔާރު ނިދިކުރައްވާފައި އޮންނެވި ވަގުތަކަށް ވެސް ވެދާނެ ކަމަށެވެ.

"...އެހެންވީމާ ފަނޑިޔާރަށް ސީދާ ހޭލައިގެން ކޯޓް ހުޅުވައިގެން އެކަން ކުރަން، ބައެއް ފަހަރަށް ފަހަތަށް ވެސް ޖެހިދާނެ. އަދި އަނެއްބައި ފަހަރަށް ވަރަށް ގިނަ ވަގުތުވެސް ނަގައިފާނެ. އެދޭތެރޭ މެދުގައި ، މި ހުރިހާ ވާގުތެއް ހިނގާއިރު އެދޭތެރޭ މެދުގައި ތާށިވަނީ ހަގީގަތުގައި ގާނޫނު ތަންފީޒުކުރާ މީހާ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އެ ހާލަތަކީ ހަމަ އެކަނި ރާއްޖޭގައި ކުރިމަތިވާ ހާލަތެއް ނޫން ކަމަށާއި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެކަން ހިނގާ ކަމަށެވެ.

އެފަދަ މައްސަލަތައް ހައްލުކުރަން ކުރަން ޖެހޭނެ ކަމަކީ އެނގިގެން މަސައްކަތް ކުރުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"...މި ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ޓަކައި އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެނަށް އެނގިގެން ކަންކަންކުރަން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް