ފީފާގެ ރައީސް ކަމަށް އިންފަންޓީނޯ ހޮވިއްޖެ

ފީާފާގެ ރައީސްކަމަށް ހޮވުނު ޖިއާނީ އިންފެންޓީނޯ އިންތިޚާބުގެ ކުރިން ކޮންގްރެސްއާ މުހާތަބުކޮށް ވާހަކަ ދައްކަނީ --- ފޮޓޯ/ އޭޕީ

ފީފާގެ އާ ރާއީސްއަކަށް ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔޫއެފާ)ގެ ސެކަރެޓަރީ ޖެނަރަލް ޖިއާނީ އިންފަންޓީނޯ ހޮވިވަޑައިގެންފި އެވެ.

އިންފަންޓީނޯއަށް ފީފާގެ ރާއީސްކަން ލިބިވަޑައިގެންނެވީ ދެ ވަނަ ބުރަކަށް ދިޔަ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 115 ވޯޓެވެ.

އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވި ޝެއިޚް ސަލްމާން ބިން އިބްރާހިމަށް ލިބިވަޑައިގެންނެވީ 88 ވޯޓެވެ. ތިން ވަނައަށް ދިޔަ ޕްރިންސް ޢަލީ ބިން އަލް ޙުސައިންއަށް ލިބިވަޑައިގެންނެވީ ހަތަރު ވޯޓެވެ. ޖޯރޯމް ޝެމްޕޭންއަށް އެއްވެސް ވޯޓެއް ލިފައެއް ނުވެ އެވެ.

ފީފާގެ އިންތިހާބު ދެ ވަނަ ބުރަކަށް ދިޔައީ ފީފާގެ ރައީސްއަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓްލި 207 ގައުމުގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ތިން ބައި ކުޅަ ދެ ބައިގެ ވޯޓް ނުލިބުމުންނެވެ.

ރައީސް ކަމަށް ހޮވިވަޑައިގެންނެވުމަށްފަހު އިންފެޓީނޯ ވިދާޅުވީ އޭނާ ވެވަޑައިގަންނަވާނީ ފީފާގެ 209 ގައުމުގެ ރައީސްއަށް ކަމަށާއި ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައަށް އާ ހަޔާތެއް ގެންނާނެ ކަމަށެވެ.

އަދި ފީފާއަށް އިސްލާހީ ބަދަލުތައް ގެނައުމުގައި މުޅި ދުނިޔެއަށް އިތްރިރާމް ކުރަންޖެހޭ ކަމަށާއި ފުޓްބޯޅައަށް އޭނާއަށް ފޯކަސް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް