އިސްތިއުފާއަށް ގޮވަނީ މަދުބައެއް، އަދިވެސް ދުނިޔޭގެ ތާއީދު އެންމެ ބޮޑީ އަހަރެންނަށް: އިންފަންޓީނޯ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ--

ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ) ޕްރޮޕޯސަލް ފެއިލްވުމާ ގުޅިގެން އިސްތިއުފާ ދިނުމަށް ގޮވާލި ގޮވާލުންތަކަށް ޖޯކު ޖައްސަވަމުން، ދުނިޔޭގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ބޮޑު އަޣުލަބިއްޔަތެއްގެ ފުރިހަމަ ތާއީދު އަދިވެސް އޮތީ އޭނާއަށް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

މުހިންމު މުބާރާތްތަކުގެ ކޮމާޝަލް ހައްގުތައް ބަލަހައްޓާ އާ ކުންފުންޏަކަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމަށް ހުށަހެޅި ޕްރޮޕޯސަލް ދޫކޮށްލުމާ ގުޅިގެން މަގާމުން ވަކިވުމުގެ ޕްރެޝަރު ކުރިމަތިވި ނަމަވެސް، އިންފަންޓީނޯ މިހާރު ހުންނެވީ ވަރުގަދަ މަގާމެއްގައެވެ.

ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ތައްޔާރުވަމުން އަންނަ އިންފަންޓީނޯއަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ފުރިހަމަ ތާއީދު އޮތްކަން އެ އިދާރާގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ ވަނީ ހުކުރު ދުވަހު ހާމަކުރައްވާފައެވެ.

އިސްތިއުފާ ދިނުމާމެދު ވިސްނާވަޑައިގެންނެވިތޯ ބީބީސީން ކުރި ސުވާލަށް ހިނިގަނޑެއް ޖައްސަވަމުން އިންފަންޓީނޯ ބުނީ އޭނާ ހޮވާފައިވަނީ ދުނިޔޭގެ 211 މެންބަރު ގައުމުން ކަމަށާއި، ޑިމޮކްރެސީއަށް އިހުތިރާމްކުރާނަމަ ބޮޑު އަޣުލަބިއްޔަތުގެ އަޑު އަހަންޖެހޭނެ ކަމަށެވެ. އަދި އޭޝިއާގެ އިތުރުން އެފްރިކާގެ ހުރިހާ ގައުމުތަކުން ވެސް އޭނާއަށް ތާއީދު އޮތްކަން ހާމަކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިން ޔުއެފާ އާއި ކޮންކާކަފްއާ އެކު އެފްއެފްއީ ޕްރޮޕޯސަލަށް ފާޑުކީ އޭއެފްސީން އިންފަންޓީނޯއަށް ތާއީދުކުރުމުން، ޔޫރަޕްގެ ގައުމުތައް ވަނީ އެކަހެރިވެފައެވެ. އަދި އިންފަންޓީނޯއާ ވާދަކުރާނެ ވަރުގަދަ ކެންޑިޑޭޓެއް އަދި މިހާތަނަށް ފެންނަން ނެތްކަން ވެސް މިކަމުން ހާމަވެއެވެ.

ޒިއުރިކްގައި ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި، މި ޕްރޮޕޯސަލް ކުރިއަށް ގެންދެވުނު ގޮތާ މެދު އިންފަންޓީނޯ މާފަށް އެދިވަޑައިގެންނެވި ނަމަވެސް ޖަރުމަނާއި އިންގްލެންޑް ފަދަ ޔޫރަޕްގެ ބާރުތަކުން އަދިވެސް ހިތްހަމަނުޖެހުން ފާޅުކުރެއެވެ.

އުމުރުން 56 އަހަރުގެ އިންފަންޓީނޯ ބުނީ ޚިޔާލު ތަފާތުވުންތައް ހުއްޓަސް އެކަންކަމަށް އިހުތިރާމްކޮށް، ކުރިއަށް ދާންޖެހޭނެ ކަމަށާއި، ރައީސަކު ކަނޑައެޅުން އޮތީ މެންބަރު ގައުމުތަކުގެ އަތްމަތީގައި ކަމަށެވެ.

ފީފާގެ ރައީސްކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ނޮވެމްބަރު 18އެވެ.

comment ކޮމެންޓް