25 ރަށެއްގެ އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލު ކުރަނީ

ތިނަދޫ އިންޖީނު ގެ ---

ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުމަށް ޓަކައި 25 ރަށެއްގެ އިންޖީނުގެ އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަޝްރޫއެއް މި އަހަރު ތެރޭގައި ކުރިއަށް ގެންދިއުމަށް ބަޖެޓުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކާއި ކުރިއަށް ރޭވިފައި ހުރި ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް އެ ކޯޕަރޭޝަންގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮޖެކްޓްސް ޑިވިޝަންގެ އިންޖިނިއަރ އާސިޔަތު އިބްރާހިމް ވިދާޅުވީ، މިހާރު ވެސް އަށް ރަށެއްގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.

"މިހުރިހާ މަޝްރޫއުތަކަކީ ވެސް 2015 ވަނަ އަހަރު ކޮންޓްރެކްޓް ކުރެވިގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް. މީގެ ތެރެއިން ގާދިއްފުށީގެ މަސައްކަތް ވަނީ މި ފެބްރުއަރީ މަހު ތެރޭގައި ނިމިފައި. އޭގެ އިތުރުން ދެން އޮތް ހަތް ޕްރޮޖެކުޓު ވެސް މި އަހަރުގެ މެދެއްހާ ހިސާބުގައި ނިމި ހިދުމަތް ދެވިގެންދާނެ ކަން ފާހަގަ ކޮށްލަން،" އާސިޔަތު ވިދާޅުވި އެވެ.

އިންޖީހުގެ އެކަހެރި ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ހއ. ވަށަފަރު، ފ. ދަރަނބޫދޫ، މ. މަޑުއްވަރީ، ރ. މާކުރެތި، ހއ. އުލިގަމު، ތ. ބުރުނީގެ އިތުރުން ބ. ދަރަވަންދޫގަ އެވެ.

އޭނާ ވިދާޅުވީ، އިންޖީނުގެތަކުގެ ވަށާފާރު ރޭނުމުގެ މަޝްރޫއަކީ ވެސް މި އަހަރު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް ކަމަށެވެ. އެގޮތުން 10 ރަށެއްގެ އިންޖީނު ގޭގެ ވަށާ ފާރު ރޭނުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޅ. ނައިފަރު، ނ. މަނަދޫ، ތ. ކިނބިދޫ، ހއ. ބާރަށް، ރ. އިނގުރައިދޫ، ގއ. ކޮލަމާފުށި، ހދ. ހިރިމަރަދޫ، ބ. ކަމަދޫ، މ. މުލި، އަދި މ. މުލަކުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް. ދެން ހުރި ހުރިހާ މަސައްކަތްތަކެއް ޖޫން މަހު ހިސާބުގައި މަސައްކަތްތައް ނިމިގެންދާނެ ކަމަށް ގަބޫލު ކުރެވެނީ." އާސިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި އަހަރު ތެރޭގައި 22 ރަށެއްގައި ތެޔޮ ރައްކާ ކުރުމުގެ ނިޒާމު ވެސް ގާއިމު ކުރައްވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި ޓޭންކް ބަހައްޓާ ރަށްރަށުން އެކަމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެހެންމެ، މި އަހަރު ތެރޭގައި 50 ރަށެއްގެ ލައިޓްނިންގު ޕްރޮޓެކްޝަން ސިސްޓަމް ގާއިމު ކުރެވިގެންދާއިރު، 68 ރަށެއްގައި ޑޭ ޓޭންކުތަކެއް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށް ވެސް އާސިޔަތު އިބްރާހިމް ވިދާޅުވި އެވެ.

comment ކޮމެންޓް