ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ބިލަށް ތާއީދުކޮށް މަމްދޫހާ އަޑުއުފުލައިފި

އައިޝަތު މަމްދޫހާ ޕޯސްޓަރު ހިފައިގެން މަޖިލިސް ކައިރީގައި --

ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ގޮތުން "ޖެންޑާ އީކުއަލިޓީ" ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ކުރުމުގެ ގޮތުން، އެމްޑީޕީގެ ހައްގު ކޮމިޓީގެ ކުރީގެ މެމްބަރު އައިޝަތު މަމްދޫހާ މަޖިލިސް ކައިރިއަށް ގޮސް މިއަދު އަޑު އުފުލައިފި އެވެ.

ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގެ ބިލުގެ މަގްސަދަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން ވަކި ޖިންސަކަށް ނުވަތަ ޖެންޑާއަކަށް ބަލައި ތަފާތު ކުރުމެއް ނެތި ހަމަ ކޮންމެ މީހަކަށް ވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުން ކަމަށް ބިލު ހުށަހެޅުއްވި މެމްބަރު އަސްމާ ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ޖެންޑާ އީކުއަލިޓީ" ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ކުރުމުގެ ގޮތުން އައިޝަތު މަމްދޫހާ މަޖިލިސް ކައިރީގައި، އަދީ ޕީޕީއެމް މެމްބަރުން -- ފޮޓޯ -- ޓުވިޓަ

ޕޯސްޓަރެއް ހިފައިގެން މަމްދޫހާ މަޖިލިސް ކައިރިއަށް ގޮސް ވަނީ އެމްޑީޕީއަކީ ޖިންސީ ތަފާތުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަން އެންމެ ރަނގަޅު ޕާޓީ ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ އަދި މާރިޔާ ދީދީގެ ވާހަކަތަކަށް ފާޑުކިޔައި ޕޯސްޓަރުގައި ލިޔެފައިވެ އެވެ.

"އެމްޑީޕީން ޖިންސީ ހަމަ ހަމަ ކަމުގެ ވާހަކަ ދައްކާއިރު އެމީހުންނަކީ އަހަރެން މަޖިލިސް ޕްރައިމެރީގައި ބައިވެރިވިޔަ ނުދީ ކެންސަލް ކުރި މީހުން،" މަމްދޫހާ ޕޯސްޓަރުގައި ލިޔެފައިވެ އެވެ.

މަމްދޫހާއަކީ ކުރިން އެމްޑީޕީގެ ހައްގު ކޮމިޓީގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްޑީޕީ އިން ވަކިވެފައި ވަނީ ޕާޓީގެ ތެރެއިން ލިބެމުންދާ އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށްބުނެ އެވެ. އޭނާއަކީ މިހާރު އެމްޑީއޭގެ މެމްބަރެކެވެ.

comment ކޮމެންޓް