ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި މުޅި ރަށް ކަރަންޓް ދިނުމަށް ބޭނުން ކުރި ތިން އިންޖީނު އެއްކޮށް އެނދި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި އެ އިންޖީނުގޭ ދެމުވައްޒިފުންގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
އެ މައްސަލައިގެ ތުހުމަތައް ހައްޔަރުކޮށްފައި ވަނީ ތިނަދޫ ފެނަކަ ބުރާންޗުގެ އެސިސްޓެންޓް މެނޭޖަރު އިބްރާހިމް އަހުމަދު އާއި އެ އިންޖީނުގޭ ޑުރައިވަރު މުހައްމަދު ޔާމީން އެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ތިނަދޫ ކޯޓަށް ގެންދިއުމުން ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ހާދިސާގައި އިންޖީނުގޭގައި ހުރި ހުރިހާ އިންޖީނެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. އެ ހާދިސާގެ ސަބަބުން ތިނަދު އަށް ކަރަންޓު ލިބުނީ ފަސް ދުވަސް ފަހުން ނެވެ.