ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އުކާލައިފި

މާލޭގެ މަގަކަށް އެއްލާލި ބަނގުރާފުޅިއެއް ތަޅައިގެން ގޮސްފައި-- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ

ކާރަކުން މާލޭގެ މަގުތަކަށް ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް މިރޭ އުކާލައިފި އެވެ.

މަންޒަރުދުއް މީހަކު ބުނީ ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖުން ފެށިގެން ކަޅުއްކަލާ ކޮށި ސަރަހައްދަށް ބަނގުރާ ފުޅިތަކެއް އުކާފައިވާ ކަމަށާއި މުޅި އެ ސަރަހައްދުގައި ބަނގުރަލުގެ ވަސް "ހިއްޕާލާފައިވާ" ކަމަށެވެ. އެކަންކޮށްފައި ވަނީ ކަޅު ބިއްލޫރި ޖެހި ކާރެއްގައި ދިޔަ ބަޔަކު ކަމަށް މަންޒަރު ދުއް މީހަކު ބުންޏެވެ.

އެ ސަރަހައްދަށް ދިޔަ "ސަން"ގެ ނޫސްވެރިން ބުނީ މާލޭގެ އެކި ސަރަހައްދުތަކަށް 16 އަށް ވުރެ ގިނަ ބަނގުރާ ފުޅި އުކާފައިވާ ކަމަށެވެ. އެތަކެތި އުކާފައި ވަނީ މާލެ ޖަލު ކައިރިއަށާއި ޓޯޔާޑާއި ނީލަންފިހާރަ ކައިރިއަށާއި އެކުވެނި ސްޓޭޑިއަމްގެ އިތުރުން މާލޭގެ ދެ ނަމްބަރު ކުނިކޮށި ކައިރިއަށް ކަމަށް ސަންގެ ނޫސްވެރިން ބުންޏެވެ.

މަގު މައްޗަށް އުކާލި ފުޅިތައް ތެޅިފައި ހުރުމުން، މަގު ސާފު ކުރުމުގެ މަސައްކަތް ފުލުހުން ކުރަނީ-- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ

ފުލުހުން އެތަކެތި ހޮވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ނޫސްވެރިން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުންދާ ކަމަށާއި އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މާލޭގެ މަގަކަށް އެއްލާލި ބަނގުރާފުޅިއެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް