ކުލަބު އީގަލްސްގެ ޗެއާމަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރޭ އިންތިޚާބުކޮށްފި އެވެ.
ރާނބާ ރެސްޓޯރަންޓްގައި ރޭ ބޭއްވި އީގަލްސްގެ އިންތިޚާބީ ޖަލްސާގައި ޗެއާމަން ކަމަށް ޝިޔާމް އިންތިޚާބު ކޮށްފައިވަނީ އެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން އީގަލްސްގެ ވައިސް ޗެއާމަނަަކަށް މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހްމަދު ޠާރިގް (ޓޮމް) ވެސް ވަނީ އިންތިޚާބު ކޮށްފައެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނާގައި އޮވެ މިދިޔަ ސީޒަން ނިއްމާލި އީގަލްސް އަށް ޗެއާމަނަކު އިންތިޚާބުކުރީ އެ މަގާމް ހުސްކޮށް އޮންނަތާ އެއް އަހަރު ފަހުންނެވެ. އެ މަގާމުގއި އެންމެ ފަހުން ހުންނެވީ ހިޔަލީ މުހައްމަދު ރަޝީދެވެ. އޭގެ ކުރިން އެމަގާމު މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ސަރަނގު އާދަމް މަނިކު ވެސް ވަނީ އަދާ ކޮށްފައެވެ.
އަންނަ ސީޒަނަށް ތައްޔާރުވާން ކުލަބުގެ ފަރިތަކުރުންތައް އަދި ފަށާފައިނުވި ނަމަވެސް އެ ކުލަބުން ވަނީ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިންތަކެއް ގެނެސްފައެވެ.