ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާފުށީ ޖަލުގައި ހުންނެވި ތަނަކީ ވަރަށް ފެންވަރު ރަނގަޅު ( ލަގްޒަރީ) ތަނެއް ކަމަށް މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕްގެ ޗެއާމަން އަދި އިނގިރޭސި ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރު ޑޭވިޑް އޭމަސް ވިދާޅުވެއްޖެއެވެ.
މޫކައި ސުއިޓްސްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އޭނާ ވިދާޅުވީ، މާފުށީ ޖަލަށް އޭނާ ޒިޔާރަތް ކުރައްވައި، ނަޝީދު ހުންނެވި ގޮޅި އަމިއްލަފުޅަށް ބައްލަވާލައްވައިފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދިޔައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ހުރި ގޮޅިއަށް. އަޅުގަނޑުގެ ނަޒަރުން ޔޫކޭގައި އަޅުގަނޑު ޒިޔާރަތްކޮށްފައި ހުރި ހުރިހާ ޖަލަކާ އަޅައިބަލާ އިރު ނަޝީދު ހުންނެވީ ވަރަށް އަރާމު ތަނެއްގައި. އެތާނގައި އުނދޯންޔަކާއި، ޓީވީއަކާއި ފުދޭވަރަކަށް ފަސޭހަ އެނދެއް ހުރި. ނަޝީދު ހައްޔަރުކޮށްފައި ހުރި އިރު އޭނައާ މެދު އަމަލު ކޮށްފައި ވަނީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭޕީޕީޖީން ވަނީ ރާއްޖޭގެ އިގުތިސާދީ މިނިސްޓަރާއި ފަތުރުވެރިކަމާ ބެހޭ މިނިސްޓަރާ ބައްދަލު ކޮށްފައި ކަމަށާއި އެބައްދަލުވުމުން އެނގިގެން ދިޔައީ ބޭރު ދުނިޔޭގައި ރާއްޖެ ސިފަކޮށްފައި ވަނީ ރަނގަޅަކަށް ނޫން ކަމަށެވެ. އެގޮތުން ދުނިޔޭގެ ގައުމުތަކުގެ އާބާދީގެ ނިސްބަތުން ބަލާއިރު ޓެރަރިސްޓުން އެންމެ ގިނައީ ރާއްޖޭގައި ކަމަށް ބުނާ ބުނުމާއި 1800 ސިޔާސީ ގައިދީން ރާއްޖޭގައި ތިބި ކަމަށް ބުނާ ބުނުން އަމެސް ކުށްވެރި ކުރެއްވި އެވެ.