ބަނގުލަދޭޝް މީހަކު ރާއްޖެއަށް ގެނައި ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފި

ބަންގްލަދޭޝް މީހަކު އެތެރެކުރި ކެނަބިސް، ފޮޓޯ: ކަސްޓަމްސް

އަވަށްޓެރި ބަނގްލަދޭޝްގެ ވެރިރަށް ޑާކާއިން އައި އެގައުމުގެ މީހަކު ރާއްޖެއަށް ގެނައި ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސްގެ ވެބްސައިޓްގައި މިއަދު އާއްމުކުރި ހަބަރެއްގައި ބުނެފައި ވަނީ 817 ގްރާމްގެ ކެނަބިސް އަތުލައިގެންފައި ވަނީ ޖެނުއަރީމަހުގެ 16 ވަނަ ދުވަހު ކޮލަމްބޯ މަގުން ރާއްޖެއަށް އައި އުމުރުން 33 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު އެތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަމަށެވެ.

އެތަކެތި ފެނުނީ އޭނާގެ ލަގެޖްގައި ޝައްކު ކުރެވޭ ފަދަ އެއްޗެއް ހުރި ކަމަށް އެކްސްރޭ ސްކޭނުން އެނގުމުން އިތުރަށް ބެލި ބެލުމުން ކަމަށް ވެއެވެ. އެގޮތުން ބެލި އިރު މަސްތުވާތަކެތި ހުރީ ޕޮލިތޭން ކޮތަޅުގައި ބަންދުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މަސްތުވާތަކެއްޗާއި އެތަކެތި އެތެރެކުރިމީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މީހަކު ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މިހިނގާ ފެބްރުއަރީމަހު ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފައެވެ.

comment ކޮމެންޓް