ސްރީލަންކާ ސިފައިން ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ބުނާ މައްސަލައިގެ ރިޕޯޓް ޢާންމު ނުކުރުމަށް އެގައުމުން އެދުނު އެދުމަށް އދ. ން ދެކޮޅު ހަދައިފި

ކޮޅުނބު: ތަމަޅަ ޢާންމުންނާ ދެކޮޅަށް 2009 ވަނަ އަހަރު ސްރީލަންކާ ސިފައިން ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ތުހުމަތުކޮށް އދ. ން ތައްޔާރުކޮށްފައިވާ ރިޕޯޓް ޢާންމު ނުކުރުމަށް ސްރީލަންކާގެ ޚާރިޖިއްޔާއިން އެދުނު އެދުމަކަށް އދ. ން ދެކޮޅު ހަދައިފިއެވެ.

މިކަމާބެހޭ ގޮތުން ދެއްވި ބަޔާނެއްގައި އދ. ގެ ތަރްޖަމާނުގެ އެހީތެރިޔާ ފަރްޙާން ޙައްޤު ވިދާޅުވީ ސްރީލަންކާ ސިފައިން ހަނގުރާމައިގެ ޖަރީމާ ހިންގިކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އދ. ގެ ތަޖްރިބާކާރުން ސްރީލަންކާއަށްގޮސް ކަންތައްތައް ބެލުމަށްފަހު ތައްޔާރުކުރެއްވި ރިޕޯޓް އެއްކޮށް ޢާންމުކުރުމަށް އދ. ން ވަނީ ނިންމާފަ އެވެ.

ނަމަވެސް ތަމަޅަ ހަނގުރާމަވެރިން ބަލިކުރުމަށް ސްރީލަންކާ ސިފައިން އެންމެފަހުން ދިން ޙަމަލާތަކުގައި ތަމަޅަ ޢާންމުންގެ އެތަށް ހާސްބަޔަކު މަރާލެވުނު ޖަރީމާތަކާމެދު ސްރީލަންކާ ސަރުކާރުން ބުނާއެއްޗެއް އެރިޕޯޓްގައި ހިމެނުމަށް ޓަކައި އެޤައުމުގެ ސަރުކާރާ ވާހަކަ ދައްކަމުން ގެންދާކަން އޭނާ ހާމަކުރެއްވިއެވެ.

ސްރީލަންކާގެ ޚާރިޖިއްޔާއިންވަނީ އދ. ގެ މިރިޕޯޓް ޢާންމުކޮށްފިނަމަ އެޤައުމުގެ ތަމަޅައިންނާއި ސިންގަޅައިން ސުލްހަ ކުރުވުމަށް ކުރެވެމުންދާ މަސައްކަތަށް ހުރަސްއެޅޭކަން އދ. އަށް އަންގާފައެވެ.
ސްރީލަންކާގެ ޚާރިޖީ ވަޒީރު ގާމިނީ ލަކްޝްމަން ޕެރޭޒް ވަނީ އދ. ގެ މިރިޕޯޓަކީ އެއްވެސް ބުރަދަނެއްނެތް ކުޅޭކުޅޭ ރިޕޯޓެއްކަމަށް ސިފަކުރައްވާފައެވެ. (ބީ.ބީ.ސީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު