ދިވެހި ފިލްމު އިންޑަސްޓްރީގައި ވިދަމުން އަންނަ ދެ ތަރިން ކަމަށްވާ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް މަޖުދާގެ ފޭނުންނަށް އަނެއްކާވެސް މިއޮތީ ވަރަށް އުފާވެރި ހަބަރެކެވެ. ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" އިން ދިވެހިންގެ ހިތްތައް ކަތިލުމަށްފަހު އެ ދެތަރިން މިހާރު އެވަނީ ދިވެހިން ހެއްވާލުމަށް ތައްޔާރު ވެފައެވެ.
ޑާކުރެއިން އެންޓަޓައިމެންޓުން އުފައްދާފައިވާ "ވާށޭ މަށާއެކީ" ވެގެންދާނީ ޖުމައްޔިލް އާއި މަޖޫ އެކުގައި ފެނިގެންދާ ދެ ވަނަ ފިލްމަށެވެ. އެހެންނަމަވެސް މިފަހަރު ރޮއްވާލާކަށް ނޫނެވެ.
"ވާށޭ މަށާއެކީ" އަކީ ލޯބީގެ މަޖާ ކަންތައްތަކެއް ފެނިގެންދާނެ ފިލްމެކެވެ. އެ ފިލްމު އަންނަ އޭޕްރިލް މަހު ފަސް ވަނަ ދުވަހު ސްކްރީން ތަކަށް އަންނާނެ ކަމަށް ޑާކުރެެއިން އެންޓަޓައިންމެންޓުން މައުލޫމާތު ދެއެވެ.
ޑާކުރެއިން އެންޓަޓައިންމެންޓުން ބުނީ، އެ ފިލްމުގެ ޓިކެޓު އަންނަ މާޗު މަހުގެ މެދެއްހާ ހިސާބު ވިއްކަން ފަށާނެ ކަމަށެވެ. އެގޮތުން ޓިކެޓެއް ވިއްކަނީ 100 ރުފިޔާ އަށް ކަމަށްވެސް ޑާކުރެއިން އެންޓަޓައިންމެންޓުން ބުނެއެވެ.
"ވާށޭ މަށާ އެކީ" އަންނަ އޭޕްރިލް މަހު ފިލްމު ރިލީޒު ކުރަން ހަމަޖެހިފައި ވީނަމަވެސް، އެ ފިލްމުގެ ޕްރޮމޯޝަން ލަވަ ވަނީ މިދިޔަ އަންގާރަ ދުވަހު ރިލީޒު ކޮށްފައެވެ. އެ ލަވަ ކިޔާފައިވަނީ ފަތުހުﷲ އަބްދުލްފައްތާހް (ފަތޯ) އެވެ.
މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމު، ހަމްދާން ފާރޫގު ފަދަ ތަރިން ފެނިގެންދާނެ އެވެ.