ހެރީ ޕޮޓަރގެ އާ ފޮތެއް މިއަހަރުގެ ޖުލައި މަހު!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ފެންޓަސީ ވާހަކަ ސީރީޒް "ހެރީ ޕޮޓަރ"ގެ ފޭނުންނަށް މިއީ އުފާވެރި ޚަބަރެކެވެ.

މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅު، ހެރީ ޕޮޓަރގެ ސްޓޭޖު ޕްލޭއެއް ނުވަތަ "ޑްރާމާ"އެއް ޕްރިމިއަރު ކުރުމަށް ހަމަޖެހިފައި ވެ އެވެ. މިއީ ހެރީ ޕޮޓަރ ސީރީޒް ލިޔުނު ލިޔުންތެރިޔާ ޖޮއޭން ރޯވލިންގގެ މަސައްކަތެކެވެ.

އުފާވެރި ޚަބަރަކީ، ހެރީ ޕޮޓަރގެ މި ސްޓޭޖު ޕްލޭ "ހެރީ ޕޮޓަރ އެންޑް ދަ ކާރސްޑް ޗައިލްޑް"ގެ ސްކްރިޕްޓު، ހާޑު ކަވަރ ފޮތެއްގެ ސިފައިގައި އެދުވަހު ނެރުމަށް ހަމަޖެހިފައިވާ ވުމެވެ. މީގެ އިތުރުން މި ފޮތުގެ އީ-ބުކްއެއް ވެސް ރިލީޒް ކުރުމަށް ހަމަޖެހިފައި ވެ އެވެ.

ޖުލައި 31 ވަނަ ދުވަހު ޕްރިމިއަރ ކުރާ ޕްލޭއާއި އެކު ރިލީޒް ކުރާ ހެރީ ޕޮޓަރ އެންޑް ދަ ކާރސްޑް ޗައިލްޑް ފޮތް އެންމެ ފުރަތަމަ ނެރެނީ "ސްޕެޝަލް ރިހާރސަލް އެޑިޝަނެއް"ގެ ގޮތުގަ އެވެ. މި ފޮތް ލިބެން ހުންނާނީ ވަކި މިންވަރަކަށް، އަދި ވަކި މުއްދަތަކާ ހަމައަށެވެ. އެއަށް ފަހު، ދެން ފެނިގެން ދާނީ އެ ފޮތުގެ ކަލެކްޓާރސް އެޑިޝަނެކެވެ.

ހެރީ ޕޮޓަރ އެންޑް ދަ ކާރސްޑް ޗައިލްޑް ބިނާ ވަނީ، ހެރީ ޕޮޓަރގައި އެންމެ ފަހުން ނެރެފައިވާ ފޮތް "ހެރީ ޕޮޓަރ އެންޑް ދަ ޑެތުލީ ހެލޯސް"ގެ އެޕިލޯގުގައި ސިފަ ކުރެވޭ މަންޒަރުތަކުގެ ތަފުސީލީ ވާހަކައަށެވެ. ވޯލްޑެމޯޓު މަރުވާތާ 19 އަހަރު ފަހުގެ ވާހަކައެއްގެ ގޮތުގައި މި ވާހަކަ ގެނެވޭ އިރު، ހެރީއާއި ޖިނީ ވީޒްލީއަށް ތިން ދަރިން ލިބިފައި ވާނެ އެވެ. އަދި ހެރީ ދާނީ މިނިސްޓްރީ އޮފް މެޖިކްގައި ވަޒީފާ އަދާކުރަމުންނެވެ. މި ފޮތާއި ޕްލޭއިން ބޮޑަށް ދައްކުވައިދޭނީ، ހެރީއާއި އޭނާގެ އެންމެ ހަގު ދަރިފުޅު އެލްބަސް ޕޮޓަރއާއި ދެމެދުގައި ހިނގައިދާ ކަންތައްތަކެކެވެ.

ހެރީ ޕޮޓަރ އެންޑް ދަ ކާރސްޑް ޗައިލްޑް ޕްލޭ ރިލީޒް ކުރާ އިރު، އެ ޕްލޭގެ ސްކްރިޕްޓު ފޮތެއްގެ ގޮތުގައި ރިލީޒް ކުރާނެ ކަމަށް ނާވިލު ޖޭކޭ ރޯލިންގްގެ ރަސްމީ ވެބްސައިޓުގައި ވެސް ބުނެފައި ވެ އެވެ.

ހެރީ ޕޮޓަރ ސީރީޒްގައި މިހާރު ހަތް ފޮތެއް ވަނީ ޝާއިޢު ކޮށްފަ އެވެ.

comment ކޮމެންޓް