ވޭލްސްގެ އެނގުލީޝް ލީގް ނުވަތަ ހަވަނަ ޑިވިޝަންގެ ކުލަބެއް ކަމަށްވާ ބޮޑޯގަން އެފްސީއަށް ކުޅެން ރާއްޖޭގެ ކުރީގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލު (އޮއްޕޮ) ސޮއިކޮށްފި އެވެ.
އިނގިރޭސި ވިލާތުގެ ދުވަހު ނޫހެއް ކަމަށްވާ ޑެއިލީ ޕޯސްޓްގައި ބުނެފައިވާ ގޮތުން މިވަގުތު ވޭލްސްގައި ދިރިއުޅޭމުންދާ އޮއްޕޮ ބޮޑޯގަން އަށް ސޮއިކުރީ ދެ މަސް ދުވަހުގެ މުއްދަތަކަށެވެ.
ނަމަވެސް އޭނާ އެކުލަބަށް ސޮއިކުރީ ހިލޭ ކުޅޭ ދިނުމަށެވެ.
މިކަމާ ބެހޭ ގޮތުން ބޮޑޯގަންގެ މެނޭޖަރު ރޮބިން ގުރިފްޓްސް ޑެއިލީ ޕޯސްޓްގައި ބުނެފައި ވަނީ ވަކި މުއްދަތަކަށް ވޭލްސްގައި ހުންނަން އައި ފުޓްބޯޅަ ކުޅުންތެރިޔަކު (އޮއްޕޮ) އޭނާގެ ފިޓްނަސް ހިފެހެއްޓުމަށް ފުޓްބޯޅަ ކުޅެން ކުލަބަކަށް ކުޅޭން ބޭނުންވާ ކަން އެނގިފައިވާ ކަމަށާއި އެހެންވެ ޕްރެކްޓިސް ސެޝަންތަކަށް އޭނާ ގެނައުމަށް ފަހު އޭނާ ގެ ފުޓްބޯޅައިގެ ހުނަރު ހުރިކަން ފާހަގަ ކުރެވިފަވާ ކަމަށެވެ.
އެހެންވެ އޮއްޕޮގެ ކިބައިގައި ފުޓްބޯޅައިގެ ހުނަރު ހުރިކަން ފާހަގަ ކުރެވުމުން ކުލަބުން ބޭނުންވީ އޭނާ ލައްވައި ސޮއި ކުރުވުމަށް ކަމަށް ގްރިފްޓްސް ބުންޏެވެ.
ނަމަވެސް މިވަގުތު ނިއުރޭޑިއަންޓުގެ ކޮންޓްރެކްޓްގައި ހުރި އޮއްޕޮއަށް ބޯޑަންއަށް ކުޅޭވޭނީ އޭނާ އެކުލަބަށް ކުޅުމުގެ ހުއްދަ ނިއުއިން ލިބުމުންނެވެ.
ނިއުރޭޑިއަންޓްގެ އިތުރުން ވިކްޓްރީއާއި ވީބީއާއި ބީޖީ އަދި އައިއެފްސީއަށްވެސް ކުޅެފައިވާ އޮއްޕޮ އޭނާގެ ޕްރޮފެޝަނަލް ކެރިއާ ފެށީވެސް ގައުމީ ޓީމުންނެވެ.
އޮއްޕޮ މިވަގުތު ވޭލްސްގައި ހުރީ އޭނާގެ އަންހެނުން ވޭލްސްގެ ބެންގޯ ޔުނިވަސިޓީގައި ކިޔަވަމުންދާތީ އެވެ.
އޮއޮޕޮއަކީ ޔޫރަޕްގެ ލީގަކަށް ކުޅޭ ފުރަތަމަ ދިވެހި ކުޅުންތެރިޔާއެއް ނޫނެވެ. މިދިޔަ ހަފުތާގައި ވިކްޓަރިއަށް ކުޅޭން ސޮއި ކުރި މަނީއު ރައޫފް ވަނީ އޮސްޓްރިއާގެ ދެ ވަނަ ޑިވިޝަންގެ ދެ ކުލަބަކަށް ކުޅެފަ އެވެ.