ރ. ދުވާފަރުގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓުމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެ ރަށުގެ ގެއަކުން ވަޒަންތަކެއް ފެނުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުން ވެސް ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، އެ މީހުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ވަޒަންތަކެއް ފެނުމާ ގުޅިގެން ސިފައިންނަށް އެކަން ވަނީ އަންގައިފަ އެވެ. އަދި ފުލުހުންނާ އެކު އޮޕަރޭޝަންތަކުގައި ސިފައިން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.
ދުވާފަރުން ވަޒަންތަކެއް ފެނުނު މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވާއިރު ހދ. ކުނބުރުދޫން ވެސް ވަނީ ދާދިފަހުން ވަޒަންތަކެއް ފެނިފައެވެ.
ހދ. ނޮޅިވަރަމް ކައިރީ އޮންނަ ފަޅުރަށެއް ކަމުގައިވާ ހދ. ކުނބުރުދޫން ވަޒަންތަކެއް ފެނިފައި ވަނީ އެރަށަށް ދަތުރު ދިޔަ ބަޔަކަށެވެ. އެރަށުގައި ހުރި ވަޅެއްގެ ތެރެއިން 300 އަށް ވުރެ ގިނަ ވަޒަން ވަނީ ފެނިފައެވެ.