ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފެތުން ތެރިންގެ ޓީމުން އެމުބާރާޓުގެ ގައުމީ ރެކޯޑްތަކެއް ހަދައިފިއެވެ.
އިންޑިއާގެ ގުވަހަތީގައި މިހާރު ކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ގައި ފުރަތަމަ ގައުމީ ރެކޯޑް ހަދަފައިވަނީ ޢައިޝަތު ޝާޖިނާއެވެ. ޝާޖިން މިރެކޯޑް ހަދާފައިވަނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި 03:08.66 އިން ނިންމައިގެންނެވެ.
ދެ ވަނަ ރެކޯޑަކީ ފްރީސްޓައިލް 200 މީޓަރު އިވެންޓުން ގައުމީ ރެކޯޑް އާ ކުރި އާމިނަތު ސާޖަންއެވެ.
ކުރިންވެސް މިއިވެންޓްގެ ގައުމީ ރެކޯޑް އޮންނަނީ ސާޖަން އަތުގައެވެ. އެއީ 2014 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި 02:28.45 އިން މިރެކޯޑް ފުރިހަމަކޮށްގެންނެވެ.
ގޭމްސްގައި ރާއްޖެއިން އާ ކުރި ތިން ވަނަ ގައުމީ ރެކޯޑަކީ އަންހެނުންގެ 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓްގެ ޤައުމީ ރެކޯޑެވެ. ގައުމީ އަންހެން ފެތުން ތެރީންގެ ޓީމުގައި ހިމެނޭ ފަސް ފެތުން ތެރިން ގައުމީ ރިކޯޑް އާކޮށްފައިވަނީ 04:44.87 އިން ރޭސް ނިންމައިގެންނެވެ.
މިއިވެންޓުން ގައުމީ ރެކޯޑް އާކޮށްފައިވަނީ 2004 ވަނަ އަހަރު ބޭއްވުނު 9 ވަނަ ސާފް ގޭމްސްގައި ވާދަ ކުރި ޓީމެވެ. އެޓީމުން ރޭސް ނިންމާފައިވަނީ 05:07.64 އިން ރޭސް ނިންމައިގެންނެވެ.
މަސްދަރު: ސްވިމިންގ އެސޯސިއޭޝަން