ވައްކަން ހުއްޓުވުމުގެ ގޮތުން މުދަލުގައި ހާއްސަ ފާހަގައެއް ފުލުހުން ޖަހަން ފަށައިފި

ފޮޓޯ ކޮޕީ ނަގާ މެޝިނެއްގައި ފުލުހަކު އެންގްރޭވް ކުރަނީ: ފޮޓޯ/ ޕޮލިސް

ލ. ގަމާއި އެ އަތޮޅު ފޮނަދޫގައި ވައްކަން ކުރުން ހުއްޓުވުމުގެ ގޮތުން އެ ރަށްރަށުގައި ދިރިއުޅޭ މީހުން ގެންގުޅޭ ހުރިހާ މުދަލެއްގައި ހާއްސަ ފާހަގައެއް ފުލުހުން ޖަހަން ފަށައިފި އެވެ.

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު، ޗީފް ސްޕްރިޑެންޓް އަހުމަދު ޝާކިރު "ސަން" އަށް މިއަދު ވިދާޅުވީ 2014 ވަނަ އަހަރު ފުލުހުން ލ. އަތޮޅުގައި ހާއްސަ ސާވޭއެއް ކުރި ކަމަށެވެ. އަދި އެ ސާވޭ އިން ދައްކާ ގޮތުގައި އާއްމުންނަށް އެންމެ ކަންބޮޑުވަނީ ވައްކަމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމުގައި ދާއިމީ ހައްލަކަށް ގަބޫލު ކުރެވޭ ހައްލަކަށް އަޅުގަނޑުމެންނަށް ފެނުނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކޮށް އުޅޭ އުސޫލު. ވައްކަން ކުރުމަށް ފަހު، ކުރާ ވިޔަފާރީގެ މާކެޓު ވައްޓާލުމަށް ދުނިޔޭގެ އެހެން ގައުމުތަކުން ކުރާ ކަމަކީ ހަމަ އެންގްރޭވް ކޮށްދިނުން. އެހެން ތަންތަނުގައި އެ ކަމަކީ ވަރަށް ކާމިޔާބު ކަމެއް،" ޝާކިރު ވިދާޅުވި އެވެ.

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު، ޗީފް އިންސްޕެކްޓަރު އަހުމަދު ޝާކިރު: ފޮޓޯ/ ޕޮލިސް

މި ހިދުމަތް ލ. އަތޮޅުގައި ދޭން ފަށާފައިވާ އިރު މިހާތަނަށް 5000 އަށް ވުރެ ގިނަތަކެތި މި ހިދުމަތުގައި ބައިވެރިކޮށްފައި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި ވިޔަފާރިކުރާ ފަރާތްތަކާއި ގޭބިސީތައްހިމެނެ އެވެ.

ެޝާކިރު ވިދާޅުވީ މުދަލުގައި ކަނޑައި ނަގައިގެން ފާހަގަ ޖަހަން ފުލުހުން ލ. އަތޮޅުގައި ފެށި އިރު އެ އަތޮޅުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ތަރުހީބު އެކަމަށް ލިބެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ރަސްމީކޮށް އެކަން އިފްތިތާހު ކުރީ ވެސް ގިނަ އޮފީސްތަކާއި އެހެނިހެން ތަންތަނުގައި ހުރި މުދާތައް އެންގްރޭވް ކޮށްފައި. ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް އެބަ ލިބޭ." ޝާކިރު ވިދާޅުވި އެވެ.

comment ކޮމެންޓް