ޓެކްނިކަލް މައްސަލައެއް ދިމާވެގެން ފުވައްމުލަކުން ކަރަންޓު ކަނޑައިގެން ހިނގައްޖެ

ޏ. ފުވައްމުލައް: އެރަށުން މިރޭ ވަނީ ކަރަންޓު ކަނޑައިގެން ގޮސްފައި -- ސަން ފައިލް ފޮޓޯ

ޓެކްނިކަލް މައްސަލައެއް ދިމާވެގެން ޏ. ފުވައްމުލަކުން ކަރަންޓު ކަނޑައިގެން ހިނގައްޖެ އެވެ.

ފުވައްމުލަކު ކައުންސިލްގެ ނައިބު ރައީސް ހުސައިން ޝާފީ އިބްރާހިމް "ސަން" އަށް މިރޭ ވިދާޅުވީ ކަރަންޓު ކަނޑައިގެން ދިޔަތާ ގަޑިއިރެއްހާއިރު ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެރަށުން ކަރަންޓު ކަނޑައިގެން ދިޔަ ސަބަބެއް އަދި ސާފު ނުވާ ކަމަށެވެ.

"މިހާރު ގަޑިއެއްހާއިރު ވެއްޖެ މުޅި ރަށުން ކަރަންޓު ކަނޑައިގެން ދިޔަތާ،" އޭނާ ވިދާޅުވި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފެނަކަ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން އަންނަ ޏ. ފުވައްމުލަކުން ކަރަންޓު ކަނޑައިގެން ދިޔައީ ބްރޭކަރެއް ވެއްޓިގެން ނެވެ.

ފެނަކައިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ކަރަންޓު ކަނޑައިގެން ދިޔައީ ފުވައްމުލަކުގެ ބައެއް ސަރަހައްދުތަކުން ކަމަށެވެ. އަދި ކަރަންޓު ކަނޑައިގެން ދިޔައީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް