ރަޝިއާގައި ހަލުވިކަމާއެކު ސްވައިން ފްލޫ ފެތުރި 50 މީހަކު މަރުވެއްޖެ

ސްވައިން ފްލޫ ފެތުރުން ކުޑަ ކުރުމަށްޓަކައި ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރުން މަދުކުރުމާއި މޫނު މަތީ މާސްކް އެޅުމަށް ސިއްހަތާ ބެހޭ އިދާރާތަކުން ލަފާދޭ --

މޮސްކޯ (ޖެނުއަރީ 26): މިދިޔަ މަހުން ފެށިގެން ރަޝިއާގައި ސްވައިން ފްލޫ ޖެހިގެން 50 މީހަކު މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަޝިއާގައި ސްވައިން ފްލޫ އެންމެ ބޮޑަށް ފެތުރިފައި ވަނީ ސެއިންޓް ޕީޓާސްބާގް ސިޓީގައެވެ. ޑިސެމްބަރު މަހު އެޗްވަންއެންވަން ވައިރަސްގެ ކޭސްއެއް އެ ސިޓީން ފެނުނު ފަހުން އެސިޓީން އެކަނި މަދުވެގެން 30 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ރަޝިއާގެ ސިއްހީ އިދާރާތަކުން ވަނީ އެގައުމުގެ ރައްޔިތުން ޕަބްލިކް ޓްރާންސްޕޯޓު ބޭނުން ކުރުން މަދުކުރުމަށާއި މޫނުމަތީގައި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ސްވައިން ފްލޫ ވެކްސިން ޖެހުމަށްވެސް އޮފިޝަލުން އިލްތިމާސް ކުރައްވަ އެވެ.

"ސްވައިން ފްލޫ އަކީ ނުރައްކާތެރި އަދި ވަރަށް އަވަހަށް ފެތުރޭ ފްލޫއެއްކަމުން ހުރިހާ ރައްޔިތުން ބަލައިގެން އުޅެންޖެހޭ،" ރަޝިއާގެ ޕަބްލިކް ހެލްތް ވޮޗްޑޯގްގެ އިސްވެރިޔާ އަނާ ޕަޕޯވާ ވިދާޅުވި އެވެ.

ގައިން ގަޔަށް އަރާ ސްވައިން ފްލޫގެ ނުރައްކާ އެންމެ ބޮޑީ ޒުވާނުންގެ ތެރޭގައެވެ. ދެހާސްނުވަ ވަނަ އަހަރު ދުނިޔޭގެ ގިނަ ސަރަހައްދުތަކަށް އެ ފްލޫ ފެތުރުމުގެ ސަބަބުން 18،000 ވަރަކަށް މީހުން މަރުވިކަމަށް ލަފާކުރެވެ އެވެ.

މިހާރު ރަޝިއާގައި ފެތުރެމުންދާ ސްވައިން ފްލޫ 2009 ވަނަ އަހަރު ފަދައިން މުޅި ދުނިޔެއަށް ފެތުރުމަކީ ނާދިރު ކަމެއް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފަ އެވެ. (ޓެލެގްރާފް)

comment ކޮމެންޓް