ފައިސާގެ އާ ނޫޓްތައް ބޭނުން ކުރަން ފަށައިފި

އާ ނޫޓު ސީރީޒަތައް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ތިރީސް ތިން އަހަރުވެފައިވާ ނޫޓުތަކުގެ ބަދަލުގައި އަލަށް ތައާރަފްކުރި "ރަންދިހަފަހެއް" ގެ ނޫޓުތައް ބޭނުން ކުރަން ފަށައިފިއެވެ. އެ ނޫޓުތައް ބޭނުން ކުރުން ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

މިއަދުން ފެށިގެން އާނޫޓްތައް ބޭނުންކުރަން ފަށާފައިވާއިރު ބެންކު ތަކުގެ އޭޓީއެމްތަކުން ވެސް ލިބިގެންދާނީ އާ ނޫޓުތައް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ނަލަ ރީތި އާ ނޫޓު ރަންދިހަފަހެއް ތައާރަފްކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުކަޒީ ބެންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބޭނުން ކުރަން ފަށާފައިވަނީ 10 ރުފިޔާއާއި 20 ރުފިޔާ އާއި 50 ރުފިޔާގެ އިތުރުން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކެވެ. އެހުރިހާ ނޫޓަކަށްވެސް ވަނީ މިހާރު ބޭނުންކުރާ ނޫޓްތަކާއި އަޅައިބަލާއިރު މުޅިންހެން ބަދަލުކޮށްފައެވެ.

ދިވެހިރާއްޖޭގެ އާ ނޫޓުގެ ގޮތުގައި މިއަދު ބޭނުން ކުރަން ފަށާފައިވާ ހަ ނޫޓަކީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ދިވެހި ވަންތަކަން ދައްކުވައިދޭ ކުރެހުންތަކެއް ފެންނަ ނޫޓުތަކެކެވެ. ހަމަ އެހެންމެ މި ނޫޓްތަކަކީ އެންމެ ޒަމާނީއެއް ކަރުދާސް ކަމަށްވާ ޕޮލިމާ ކަރުދާހަށް ޕްރިންޓުކޮށްފައިވާ ނޫޓުތަކެކެވެ. އެ ނޫޓުތަކުގެ ސައިޒަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ނަލަ ރީތި އާ ނޫޓު ރަންދިހަފަހެއް ތައާރަފްކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލަށް ތައާރަފްކުރި ނޫޓްތަކަކީ ސެކިއުރިޓީގޮތުންވެސް ވަރުގަދަ ފީޗާސްތަކެއް ހިމަނާފައިވާ ނޫޓުތުތަކެވެ. ތިރީގައި އެވަނީ އެ ފީޗާސްތަކުގެ ތަފްސީލެވެ.

ކްލިއާ ވިންޑޯ: މީގެ ކޮންމެ ނޫޓެއްގެ ތެރޭގައި އެއް ފަރާތުން އަނެއް ފަރާތް ފެންނަގޮތަށް ޕްލާސްޓިކް ކްލިއާ ވިންޑޯއެއް ވަނީ ހިމަނާފަ.

ހިޑެން ނަންބާސް: ކްލިއާ ވިންޑޯގެ ތެރެއިން ފެންމަރުކާއެއްގެ ސިފައިގައި ނޫޓުގެ މޫނުމަތީ އަގު ކޮންމެ ނޫޓަކުން ފެންނަހެން ހުރޭ.

މާސްކްޑް ލެޓާ: ނޫޓުގެ އައްޔަށް ދިއްކުރުމުން ކްލިއާ ވިންޑޯގެ މަތީގައިވާ ޑިޒައިނުން MMA ފެންމަރުކާއެއްގެ ސިފައިގައި ފެންނަން ހުރޭ.

އިރިޑިސެންޓް ޕެޓާން: ނޫޓު ދެފަރާތަށް އަރިކުރުމުން މުޅި ނޫޓުގެ މޫނުމަތިން ވިދާ ޑިޒައިނެއް ފެނޭ.

ސްޕާކް އިންކް: މިނޫޓުތަކުގެ ތެރެއިން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކުގެ ޑިޒައިންގެ ބައެއް ވިދުމެއް އެކުލެވޭ ދެއްޔަކުން ފެންނަން ހުރޭ. އަދި ނޫޓު ދެފަރާތަށް އަރިކުރުމުން މިބައިގެ ކުލަ ބަދަލުވުމުގެ އިތުރުން މިބައިގައި ފެންނަން ހުންނަ ވައްބުރު އެކި ދިމަދިމާލަށް ބަދަލުވޭ.

ޓެކްސްޓައިލް ޑޮޓްސް: ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ނޫޓުގެ މޫނުމަތީ އަގު ދެނެގަތުމަށް ނޫޓުގައި އަތްލުމުން އުފުލިފައި ހުންނަ ގޮތް އިހްސާސްވާގޮތަށް އެކި ނޫޓުގައި އެކި ޑިޒައިން ހިމަނާފައިވޭ.

ނަލަ ރީތި އާ ނޫޓު ރަންދިހަފަހެއް ތައާރަފްކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫވީ ލައިޓް ބޭނުންކޮށްގެން ދެނެގަނެވޭނެ ސިފަތައް:

  • ނޫޓުގެ މޫނުމަތިން ކަނާތް ފަރާތުން މަތީގައި ހިމަނާފައިވާ ސީރިއަލް ނަމްބަރު ދިއްލޭ.
  • ނޫޓުގެ މޫނުމަތިން ޑިޒައިނުގެ ބައެއް ދެ ކުލައަކުން ދިއްލޭ.
  • ނޫޓުގެ މޫނުމަތިން ގޮޅިއެއްގެ ތެރޭގައި ނޫޓުގެ މޫނުމަތީ އަގު ދިއްލޭ.
  • ނޫޓުގެ ފަހަތުގައި ކަނާތް ފަރާތުން ތިރީގައި މަތިން ތިރިއަށް ހިމަނާފައިވާ މޫނުމަތީ އަގު ދިއްލޭ.

އާ ނޫޓުތައް މިއަދު ބޭނުން ކުރަން ފަށާފައިވާއިރު އަންނަ މޭ މަހުގެ ނިޔަލަށް މިހާރު ގެންގުޅޭ ނޫޓްތަކާއި އަލަށް ނެރޭ ނޫޓުތައް ވެސް ބޭނުން ކުރެވެ އެވެ. މޭމަހަށް ފަހު މިހާރު ގެންގުޅޭ ނޫޓްތައް ބޭނުން ކުރުން ހުއްޓާލައެވެ. ނަމަވެސް ފަސް އަހަރު ވަންދެން ބޭންކަތަކާއި އެމްއެމްއޭ އިން އެ ނޫޓްތައް ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ނޫޓުގައި ސޮއިކޮށްފައި ވަނީ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ. މިއީ ދިވެހި ފައިސާގައި އަންނެހަކު ސޮއިކުރާ ފުރަތަމަ ފަހަރެވެ. މިނޫޓުތަކަށް ލިބިގެންދާ އެންމެ ހާއްސަ އެއް ސިފައަކީ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމާއި ނޫޓްތައް ރީތިކަމެވެ.

comment ކޮމެންޓް