ބަންގާޅު ބަލިކޮށް ބަހްރެއިންގެ ޒުވާން ޓީމު ފައިނަލަށް

ބަހްރެއިންގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް: އެ ޓީމް މިއަދު ވަނީ، ބަންގަބަންދު ގޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ބަންގުލަދޭޝްގެ ސީނިއާ ޓީމު 1-0 އިން ބަލިކޮށް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި -- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގަބަންދު ގޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ބަނގުލަދޭޝްގެ ސީނިއާ ޓީމް 1-0 ލަނޑުގެ ނަތީޖާއަކުން ބަލިކޮށް ބަހްރެއިންގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ޑާކާގެ ބަންގަބޮންދު ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު، މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ބަހްރެއިން ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަލް ހޫތީއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ބަންގާޅަށް ވަނީ ބްޚްރޭންގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭގޮތް ނުވެފައެވެ.

ބަޚްރޭން ފައިނަލަށް ގެންގޮސްދިން ގޯލު ފުރަތަމަ ހާފް ނިމެން ދަނިކޮށް މެޗުގެ 45 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ އިބްރާހިމް އަލްހޫތީ އެވެ. އޭނާ އެ ގޯލު ކާމިޔާބްކުރީ ބަޚްރޭން ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ނަގައި ދިން ހުރަސް ކީޕަރު އަތުން ޖައްސައި ބޭރުކޮށްލުމުން ޕެނަލްޓީއޭރިއާ ތެރޭގައި ހުރެ ބޮލުން ޖަހައި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފް ބަޚްރޭން ކުރީގައި އޮވެ ނިމުނުއިރު ދެވަނަ ހާފްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަ ބަންގާޅުން ވަނީ މުޅި ޓީމު ކުރިއަށް ޖެހި ބަޚްރޭންގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ދެވަނަ ހާފްގައި ބަންގާޅުގެ ރޯނީއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބި ބޭކާރު ވެގެން ގޮސްފައެވެ. އެގޮތުން ބަޚްރޭންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބަންގާޅު ކުޅުންތެރިއަކު ހުރަސް ކޮށްލި ބޯޅަ ރޮނީ ބޮލުން ފޮނުވާލި ނަމަވެސް ޖެހުނީ ދަނޑީގައެވެ. އޭގެ އިތުރުން އޭނަ ފޮނުވާލި އަނެއް ދެ ފުރުސަތެއްގައި ގޯލަށް ފޮނުވާލި ބޯޅަ ވަނީ ގޯލަށް އަމާޒުކޮށް ނުލެވި ދަނޑި ކައިރިން ބޭރަށް ގޮސްފައެވެ.

މި ނަތީޖާއާއެކު ބަންގާޅުގެ ސީނިއާ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގައެއް ނުލިބުނު އިރު، ބަންގާޅުގެ އޮލިމްޕިކް ޓީމް ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުނުވެ ގުރޫޕް ސްޓޭޖުން ކަޓާފައެވެ.

ސެމީ ފައިނަލް ދެވަނަ މެޗުގައި މާދަމާ ރާއްޖޭ ގަޑިން 16:30 ގައި ރާއްޖޭގެ 23 އަަހަރުން ދަށުގެ ގައުމީ ޓީމު ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.

އެމެޗަށް ރާއްޖޭގެ ގައުމީ ޓީމު ނިކުންނައިރު ޓީމު އޮތީ ފައިނަލަށް ދިއުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް ވަނީ ބުނެފައެވެ.

comment ކޮމެންޓް