"ފްރެންޑްސް"ގެ ފޭނުންނަށް ހަދިޔާއެއް: ފްރެންޑްސްގެ ރިޔޫނިއަން އަންނަ މަހު

"ފްރެންޑްސް" ގެ ޕޯސްޓަރެއް -- ހުރިހާ ތަރިން އެކުގައި އަންނަ މަހު ރިޔޫނިއަން އެޕިސޯޑަކުން ފެނިގެން ދާނެ

އެމެރިކާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އަދި އެންމެ ގިނަ ބަޔަކު ހެއްވާލި ޓީވީ ޝޯވ "ފްރެންޑްސް"ގެ ތަރިން އެކުގައި ފެނިގެންދާ ރިޔުނިއަން އެޕިސޯޑެއް އަންނަ މަހު ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އެންބީސީއިން ބުނެފި އެވެ.

އެންބީސީން ބުނީ ދެ ގަޑި އިރުގެ ރިޔޫނިއަން އެޕިސޯޑަކީ މަޝްހޫރު ކޮމެޑީ ޑިރެކްޓަރު ޖޭމްސް ބަރޯސްއަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން ގެނެސްދޭ އެޕިސޯޑެއް ކަމަށެވެ. ޖޭމްސް ވަނީ ފްރެންޑްސްގެ 15 އެޕިސޯޑު ޑައިރެކްޓް ކޮށްފަ އެވެ.

ފްރެންޑްސް އަކީ ޓީވީ އިންޑަސްޓްރީއަށް ބޮޑު އިންގިލާބެއް ގެނެސްދިން ޝޯއެކެވެ. 1994 ވަނަ އަހަރު ދައްކަން ފެށި ފްރެންޑްސްގެ 10 ސީޒަން ދައްކާފައިވާއިރު އެންމެ ފަހު އެޕިސޯޑް ދައްކާފައިވަނީ 2004 ވަނަ އަހަރު އެވެ.

ޖޭމްސް ބުރޯސް އަށް ޓްރިބިއުޓެއް ދިނުމަށް ނިންމާފައި ވަނީ އޭނާ ޑައިރެކްޓް ކޮށްފައިވާ 1000 އެޕިސޯޑު ޓީވީ އިން ދެއްކުމާ ގުޅިގެންނެވެ. ޖޭމްސް އަށް 1000 އެޕިސޯޑު ހަމަވެފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ޓީވީން ދެއްކި "ކްރައުޑެޑް" ގެ އެޕިސޯޑާ އެކު އެވެ.

އަންނަ ފެބްރުއަރީ މަހު އެންބީސީން ދެއްކުމަށް ހަމަޖެހިފައިވާ ރިޔޫނިއަން އެޕިސޯޑުގައި ފްރެންޑްސްގެ މުހިންމު ރޯލުތަކުން ފެނިގެން ދިޔަ، ޖެނިފާ އެނިސްޓަން އާއި ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ އާއި މެތިއު ޕެރީ އާއި ޑޭވިޑް ޝުވިމާ އަދި މެޓް ލެބްލެންކް ފެނިގެންދާނެ ކަމަށް އެ ޗެނަލުން ބުނެ އެވެ.

އޭގެ އިތުރުން ޖޭމްސް ބްރޯސް ޑައިރެކްޓް ކޮށްދީފައިވާ ޓެކްސީ، ޗިއަރސް، ވިލް އެންޑް ގްރޭސް، ދަ ބިގް ބޭންގް ތިއަރީ އަދި މައިކް އެންޑް މޯލީ ގައި ފެނިގެންދާ ތަރިން އެކުގައި ފެނިގެންދާނެ އެވެ.

މަޝްހޫރު އެތައް ތަރިންނެއް ފެނިގެންދާނެ މި އެޕިސޯޑުގެ ޝޫޓިންގ ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ތެރޭގައި ލޮސް އެންޖެލެސް ގައެވެ. އެޕިސޯޑް ބެލުންތެރިންނަށް ފެނިގެން ދާނީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

comment ކޮމެންޓް