ޔޫޓިއުބްގައި އެންމެ މަގްބޫލް ހިންދީ ލަވައަކަށް "ދީރޭ ދީރޭ"!

ރިތިކް ރޯޝަން އާ ސޯނަމް ކަޕޫރު ފެނިގެންދާ ލޯބީގެ ލަވަ، "ދީރޭ ދީރޭ" ގެ މަންޒަރެއް ---

މިހާތަނަށް ޔޫޓިއުބުގައި އެންމެ މަގްބޫލުކަން ލިބުނު ހިންދީ ލަވައަށް ރިތިކް ރޯޝަން އާއި ސޯނަމް ކަޕޫރު ފެނިގެންދާ ލޯބީގެ ލަވަ، "ދީރޭ ދީރޭ" ވެއްޖެ އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ނެރުނު ހިންދީ ފިލްމު، "އާޝިގީ" ގައި ހިމެނޭ ލަވަ "ދީރޭ ދީރޭ" އަލުން އުފެއްދުމަށްފަހު، ނެރެފައިވާ އެ ލަވަ ކިޔާފައިވަނީ އިންޑިއާގެ ރެޕަރެއް ކަމަށްވާ ޔޯ ޔޯ ހަނީ ސިންގެވެ.

ސިންގަލް ލަވައެއްގެ ގޮތުގައި އެ ލަވަ އެންމެ ފުރަތަމަ ރިލީޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ. އަދި އިންޑިއާގެ މަޝްހޫރު މިއުޒިކް ކުންފުންޏެއް ކަމަށްވާ ޓީ ސީރީސް އިން ވަނީ އެ ލަވަ، ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ޔޫޓިއުބުގައި ރިލީޒްކޮށްފައެވެ.

ވީޑިއޯ ޝެއާކުރާ ސައިޓް، ޔޫޓިއުބުގައި އެ ލަވަ ރިލީޒްކުރި ފަހުން މިހާތަނަށް 100 މިލިއަނަށްވުރެއް ގިނަ ފަހަރު އެ ލަވަ ވަނީ ބަލާފައެވެ.

"އަހަރެމެން 'ދީރޭ ދީރޭ' އަށް ނުހަނު ޝައުގުވެރިވޭ.. އެ ލަވަ ވަނީ 100 މިލިއަން މީހުން ބަލާފަ. މިއީ ހިންދީ ލަވައަކަށް އެވަރުގެ ބޮޑު ތަރުހީބެއް ލިބުނު ފުރަތަމަ ފަހަރު. ބޮލީވުޑުގެ ލަވަތަކުގެ ތެރެއިން ވެސް..،" ޓީ ސީރީސްގެ އިސްވެރިޔާ ބުޝާން ކުމާރު ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް