ވޭތުވެދިޔަ ދެ އަހަރު އެމްޓީސީސީ ވަނީ "ޔަންމާ" އިންޖީނުގެ ދުވެލީގައި ކުރިއަރާފައި: ހަލީމް

މިރޭގެ ޖަލްސާގައި އެމްޓީސީސީގެ ސީއީއޯ ހަލީމް ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔައިރު އެ ދެ އަހަރަކީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑު ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެންމެ ބާރުވި ދުވެލީގައި ކުރިއަރައިގެން ދިޔަ ދެ އަހަރު ކަމަށާއި އެ ދެއަހަރު އެކުންފުނި ވަނީ "ޔަންމާ" އިންޖީނުގެ ދުވެލީގައި ކުރިއަރާފައި ކަމަށް އެމްޓީސީސީގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީއަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހަލީމް ވިދާޅުވީ، މިދިޔަ އަހަރަކީ މިހާތަނަށް އެކުންފުނީގެ ހަޔާތުގައި އެންމެ ގިނަ ޕްރޮޖެކްޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައިވާ އަހަރު ކަމަށެވެ. އަދި މިދިޔަ އަހަރަކީ އެކުންފުނިން ރިކޯޑު އަދަދަކަށް ވިޔަފާރިކޮށްފައިވާ އަހަރެއް ކަމަށާއި މިދިޔަ އަހަރަކީ 2014 ވަނަ އަހަރަށް ވުރެ ފައިދާ މަތި އަހަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީއަށް 35 އަހަރު ފުރުމުގެ ޖަލްސާގައި އެކުންފުނީގެ މުވައްޒަފުން ބައިވެރިވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

"އެހެންކަމުން 2015 ވަނަ އަހަރަކީ ކުންފުނީގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރުކަން އަޅުގަނޑު ފާހަގަ ކުރަން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު އެކުންފުނިން ވާނީ ދަތުރުފަތުރުގެ ދާއިރާއިންނާއި ކޮންސްޓްރަކްޝަން ދާއިރާއިންނާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.

"ދަތުރުފަތުރުގެ ދާއިރާއިން ބަލާލާއިރު ހުޅުމާލެއާ މާލެއާ ދޭތެރޭ ދަތުރުކުރާ ފަރާތްތައް އިތުރުވަމުން އަންނަ ނިސްބަތަށް ބަލައި އެ ދާއިރާއަށް ފެރީތަކާއި ފެރީ ދަތުރުކުރާ ފްރިކުއެންސީ އަޅުގަނޑުމެން ވާނީ އެތައް ގުނައެއް އިތުރުކޮށްފައި. އެއްފަހަރާ ގިނަ ފަސިންޖަރުންނަށް ދަތުރުކުރެވޭ ޑަބަލް ޑެކް ފެރީއަކާއި އަދި އިތުރު އެހެން ފެރީއެއް އަޅުގަނޑުމެން ވާނީ ތައާރަފުކޮށްފައި. މީގެއިތުރުން ހުޅުމާލެއާ އެއާޕޯޓަށް ކުރާ އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ވޭތުވެދިޔަ އަހަރު މުޅިން އާ 4 ބަސް އަޅުގަނޑުމެން ވާނީ ތައާރަފުކޮށްފައި. މިބަސްތަކަކީ ގިނަ އަދަދެއްގެ ލަގެޖު ހިފައިގެން ދަތުރު ކުރެވޭނެ ބަސްތަކެއް،" ހަލީމް ވިދާޅުވި އެވެ.

އެމްޓީސީސީއަށް 35 އަހަރު ފުރުމުގެ ޖަލްސާގައި އެކުންފުނީގެ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ހަލީމް ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން 2011 އަހަރުގެ ނިޔަލަށް އެކުންފުނީގެ ދުވެލި ވަރަށް ބޮޑުތަން މަޑުވެގެން ދިޔަ ކަމަށެވެ. އަދި އެއީ އެކުންފުނީގެ ހަޔާތުގައި އެންމެ "ތަދު" ދުވަސްތައް ކަމަށް ހަލީމު ސިފަކުރެއްވިއެވެ.

"އެއީ ސަރުކާރުން އެމްޓީސީސީއަށް ދޭންޖެހޭ އެއްބާރުލެއްވުން ނުދެއްވުމުގެ ސަބަބުންނާއި އެމްޓީސީސީއަށް ސަރުކާރުން ދެއްވަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެއްވާ ހިފެހެއްޓުމުގެ ސަބަބުން މިދެންނެވި އަހަރުތަކުގައި އެމްޓީސީސީއަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައިވަނީ. މީގެ ސަބަބުން ކުންފުނީގެ ހީވާގި އެތައް މުވައްޒަފުންތަކެއް ވަކިވެގެން ގޮސް އަދި ހަމައެހެންމެ ކުންފުނީގެ ބޮޑެތި ސަޕްލަޔަރުންގެ އިތުބާރު ގެއްލިގެން ގޮސް ވިޔަފާރިތަކުގެ ކުރިމަގު ބަނަވަމުން ދިޔަ،" ހަލީމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 35 އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީން ގައުމަށް ކޮށްދީފައިވާ ޚިދުމަތަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ހެޔޮ ހިތުން ބަލައިގަންނާނެ ހިދުމަތްތަކެއް ކަމަށެވެ.

"އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކީ ހައުސިން މިނިސްޓްރީއާ ގުޅިފައިވާ މަސައްކަތްތައް. އަޅުގަނޑުމެންގެ މިނިސްޓްރީން {ހައުސިން މިނިސްޓްރީ} ރައްޔިތުންނަށް ކުރުމަށްޓަކައި ކަނޑައަޅައި ހަމަޖައްސާފައިވާ މަސައްކަތްތަކުގެ ތެރެއިން ބޮޑުބައެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކީ ތިޔަ ހީވާގީ މުވައްޒަފުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޓީސީސީއަށް 35 އަހަރު ފުރުމުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

އެމްޓީސީސީގެ މުވައްޒަފުންނާއި މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ވަޒީފާއެއްގެ ގޮތުން އެމްޓީސީސީގައި ވިއަސް އަދި އެހެން ކުންފުންޏެއްގައި މަސައްކަތް ކުރެއްވި ނަމަވެސް ކުރާ ކޮންމެ މަސައްކަތަކީ ގައުމަށް ކޮށްދޭ ވަރަށް ބޮޑު ހިދުމަތެއް ކަމަށެވެ.

"ގައުމުގެ ތަރައްގީއާ ގައުމުގެ ކުރިމަގަށްޓަކައި ތިއިން ކޮންމެ ބޭފުޅަކުވެސް ކޮށްދެއްވާ ހިދުމަތެއް ތިއީ. ކުޑަނަމަވެސް ހިދުމަތެއްގެ ގޮތުގައި މިއިން ކޮންމެ ކަމެއް ވެސް ވެގެން މިދަނީ. އެހެންކަމުން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އެކީގައި މަސައްކަތް ކުރަންޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

comment ކޮމެންޓް