ހިތަށް އަރުވާލުމުން ޑަޔަލް ކުރެވޭ ގޮތަށް މޯބައިލް ފޯނު ތަރައްގީކޮށްފި

މީހަކާ ގުޅާލަން ވުމުން ޖީބުން ފޯނު ނަގައި ޑަޔަލްކޮށްލުމަކީ ވެސް މިޒަމާނުގައި ބައެއް މީހުންނަށް ވަގުތު ބޭކާރުވާ ކަމެއް ކަމަށް ވަނީ ވެފަ އެވެ. އުޅެން ޖެހޭލެއް އަވަދިނެތިކަމުންނެވެ. ނަމަވެސް މިކަމަށް އެމެރިކާގެ ކުންފުންޏަކުން މިހާރު ވަނީ ހައްލެއް ހޯދައިދީފަ އެވެ. އެގޮތުން އެމީހުން ވަނީ ހިތަށް އަރުވާލުމުން ބޭނުން ނަމްބަރަކަށް ގުޅާލެވޭ ފަދަ ޓެކްނޮލޮޖީއެއް ތައާރަފްކޮށްފަ އެވެ.

އެމެރިކާގެ ސައިންސްވެރިން ވަނީ ބްލޫޓޫތު މެދުވެރިކޮށް ނޮކިއާ .އެން73 މޮޑެލްގެ ފޯނުތަކަށް ކޮމާންޑްތައް ފޮނުވައި ދޭ ފަދަ ބޮލުގައި އަޅާ ބޭންޑެއް އުފައްދާފަ އެވެ. މިބޭންޑްގެ އެހީގައި ސިކުނޑިން އަންނަ މެސެޖްތައް ފޯނަށް ފޮނުވައިދެ އެވެ. ހެޑްބޭންޑް އުފެއްދި ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި މިބޭންޑަކީ ކުޑަކުޑަ ތަމްރީނަކާ އެކު ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

ސިކުނޑިން އަންނަ މެސެޖް މޯބައިލް ފޯނަށް ފޮނުވައިދޭ ޓެކްނޮލޮޖީ ތައާރަފް ކުރި އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން އުއްމީދުކުރަނީ މިޓެކްނޮލޮޖީގެ ސަބަބުން ނުކުޅެދޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބުރަކޮށް މަސައްކަތް ކުރާ މިހުންނަށް ވަރަށް ބޮޑު އެހީއެއް ލިބިގެން ދާނެ ކަމަށެވެ.

އެމެރިކާގެ ހަފިންޓަން ޕޯސްޓް ބުނާ ގޮތުގައި މިޓެކްނޮލޮޖީ ތައާރަފްކުރީ އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ސްވާޓްޒް ސެންޓަ ފޯ ކޮމްޕިއުޓޭޝަނަލް ނިއުރޯ ސައިންސްގައި މަސައްކަތްކުރާ ސައިންސްވެރިއެއް ކަމަށްވާ ޓްޒީ ޕިން ޖަން އެވެ. ޖިން ތައާރަފް ކުރި ހެޑްބޭންޑުން ކޮށްދޭ ކަމަކީ އޭގައިވާ އިލެކްޓްރޯޑްތަކެއްގެ އެހީގައި ސިކުނޑިން ބުނާ އެއްޗެއް ދެނެގަނެ ފޯނަށް ފޮނުވާލުމެވެ.

ޖިން ގަބޫލުކުރައްވާ ގޮތުގައި އޭނާ އުފެއްދި ހެޑްބޭންޑުން މޯބައިލް ފޯނަށް ފޮނުވައިދޭ މެސެޖް 100 އިންސައްތަ ތެދުވާނެއެވެ. ނަމަވެސް އެއީ ކޮންމެވެސް ވަރެއްގެ ތަމްރީންތަކެއް އެ ބޭނުންކުރާ މީހާ ހޯދުމުންނެވެ.

ސިކުނޑީގެ މެސެޖްތަކާ އެއްގޮތަށް މަސައްކަތްކުރާ ކޮމްޕިއުޓަރުތައް މީގެ ކުރިން ތައާރަފްކޮށްފައި ވީނަމަވެސް މިޓެކްނޮލޮޖީ މޯބައިލް ފޯނަކަށް ބޭނުންކުރެވޭ ގޮތް ހެދި މިއީ ފުރަތަމަ ފަހަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު