މަގާމާ ހަވާލުވިތާ އެއް ދުވަހުގެ ތެރޭ، މެކްސިކޯގެ މޭޔަރަކު މަރާލައިފި

މެކްސިކޯގެ ޓެމިސްކޯ ސިޓީގެ މޭޔަރުކަމާ ހަވާލުވެވަޑައިގަތްތާ އެއް ދުވަހުގެ ތެރޭގައި މަރާލި މޮޓާގެ ގެ ކައިރީގައި މެކްސިކޯގެ ފޮރިންސިކް ޓީމުން ހަރަކާތްތެރިވަނީ ---

މަގާމާ ހަވާލުވިތާ އެއް ދުވަހުގެ ތެރޭގައި މެކްސިކޯ ސިޓީގެ މޭޔަރުގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

މެކްސިކޯގެ ސްޓޭޓެއް ކަމަށްވާ މޮރޭލޮސްގެ ސްޓޭޓް ގަވަނަރު ގްރާސޯ ރަމިރޭޒް ވިދާޅުވާ ގޮތުން، އެއް ލައްކަ މީހުންގެ އާބާދީއެއް އޮންނަ ޓެމިސްކޯގެ މޭޔަރުކަމާ ގިސެލާ މޮޓާ ރަސްމީކޮށް ހަވާލުވެލެއްވީ މިދިޔަ ހުކުރު ދުވަހު އެވެ.

އޭނާ މަރާލާފައި ވަނީ މަގާމުގެ ހުވާ ކުރެއްވިތާ 24 ގަޑިއިރު ވެސް ހަމަނުވަނީހެވެ. ނަމަވެސް އޭނާ މަރާލާފައި ވަނީ ކީއްވެގެން ކަމެއް އަދި ސާފެއްނުވެ އެވެ.

މަސްތުވާތަކެއްޗާއި ކުށްކުރުން ގިނަ ޓެމިސްކޯ "ސާފު" ކުރެއްވުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި މޮޓާ މަރާލާފައި ވަނީ، ހަތިޔާރުއެޅި ހަތަރު މީހަކު އޭނާ ދިރިއުޅުއްވާ ގެޔަށް ވަދެ އެވެ.

ނަމަވެސް އޭގެން ދެ މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހާ މަރާލާފައިވާ އިރު، އަނެއް ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ފައިސާ ދީގެން ހިންގާ ހަތިޔާރު އެޅި ގޭންގުތަކުން މިދިޔަ އަހަރު އެކަނިވެސް އެތައް މޭޔަރުންނެއް މަރާލާފައިވެ އެވެ.

ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި މެކްސިކޯގައި އެއް ލައްކައަށް ވުރެ ގިނަ މީހުން މަރާލާފައި ނުވަތަ ގެއްލިފައިވާ އިރު، އެ ގައުމުގެ ރައީސްކަމާ 2012 ވަނަ އަހަރު ހަވާލުވެވަޑައިގަން އެންރިކް ޕެނާ ވަނީ، އެގައުމުގައި އިތުރުވަމުންދާ މީހުން މެރުމާއި މީހުން ވަގަށްނެގުން މަދުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މައުލޫމާތު: ނޫސް އެޖެންސީތައް

ގުޅޭ ޓެގު
comment ކޮމެންޓް