މެކްސިކޯގައި ނޫސްވެރިންނަށް ހަމަލާދިނުން އިތުރުވަނީ

ހަމަލާތަކުގެ ޝިކާރައަކަށްވެ މަރުވި ތިން ނޫސްވެރިންގެ ހައްގުގައި މެކްސިކޯގެ ނޫސްވެރިން ދަނީ ހަޅުތާލު ކުރަމުން -- ފޮޓޯ/ އޭޕީ

މެކްސިކޯގައި ނޫސްވެރިންނަށް ހަމަލާދިނުން އިތުރުވާން ފަށައިފިއެވެ.

ޖެނުއަރީ މަހުގެ ތެރޭގައި އެކަނިވެސް އެ ގައުމުގައި ތިން ނޫސްވެރިއަކު ވަނީ މަރާލާފައެވެ.

ރޭގެ ވަގުތެއްގައި އިތުރު ނޫސްވެރިއަކަށް ހަމަލާދޭން އުޅުމުން އޭނާ ވަނީ ރައްކާތެރިކަން ހޯދާފައެވެ. އެ ނޫސްވެރިޔާ ބުނި ގޮތުގައި ހަތިޔާރު އެޅި ގްރޫޕަކުން އޭނައަށް ހަމަލާދޭން އުޅުނެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން އޭނަގެ ރައްކަލަކަށްޓަކައި ބޮޑީގާޑުން ހަމަޖައްސާފައި ތިބުމާއެކު އޭނައަށް ސަލާމަތް ވެވުނީ ކަމަށް ވަނީ ބުނެފައެވެ.

ރޭ ނާކާމިޔާބުވި ހަމަލާ އަމާޒުކުރެވުނު ނޫސްވެރިޔާ 2017 ވަނަ އަހަރު ގޭންގަކުން ރަހީނުކުރިއެވެ. އެ ގައުމުގެ ސަރުކާރުން އޭނައަށް ބޮޑީގާޑުން ހަމަޖައްސައި ދިނީ އެ ހާދިސާއަށް ފަހުގައެވެ.

މެކްސިކޯގައި ނޫސްވެރިންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތައް އިތުރުވަމުންދާއިރު، އެ ގައުމުގެ ނޫސްވެރިން ދަނީ މި ހަމަލާތަކުގެ ޝިކާރައަކަށްވެ މަރުވި ތިން ނޫސްވެރިންގެ ހައްގުގައި ހަޅުތާލު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް