ޓްރިވެންޑްރަމް، އިންޑިއާ (31 ޑިސެމްބަރު) - ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލްގައި ރާއްޖެއާއި އިންޑީއާ މިއަދު ވާދަކުރާ މެޗުގެ ޓިކެޓް، ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުން މިއަދުވެސް ހިލޭ ބަހަން ފަށައިފި އެވެ.
ސެމީގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު މެންދުރު ފަހު އިންޑިއާ ގަޑިން 15:30ގައެެވެ. އެ މެޗުގެ ޓިކެޓް ކޮންސިއުލޭޓުން ދޫކުރަން ފެށީ މިއަދު ހެނދުނު 9:30 އިން ފެށިގެންނެވެ.
ކޮންސުލް އަލީ އާދަމް (އަލިބެ) ވިދާޅުވީ، ނިމިދިޔަ މެޗުތަކާ އަޅާބަލާފައި މިއަދު ހިލޭ ބަހަން ލިބުނު ޓިކެޓް މަދު ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަދު މިހާތަނަށް އަދި ލިބިފައި ހުރީ 800 ޓިކެޓް. އެކަމަކު އަދިވެސް މިދަނީ އިތުރު ޓިކެޓް ލިބޭތޯ މަސައްކަތްކުރަމުން،" އަލިބެ ވިދާޅުވިއެވެ.
ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު މެޗުތަކަށް ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ކޮންސިއުލޭޓް މެދުވެރިވެގެން ވަނީ، ގާތްގަނޑަކަށް ޖުމުލަ 7000 ވަރަކަށް ޓިކެޓް ހިލޭ ބަހައިފައެވެ.
ދިވެހި ގައުމީ ޓީމު މެޗު ކުޅޭ ދުވަސްތަކުގައި ގައުމީ ޓީމަށް ތަރުހީބު ދިނުމަށް ވީހާވެސް ގިނަ ދިވެހި ސަޕޯޓަރުން ދަނޑަށް ވެއްދުމަށްޓަކައި މިފަހަރުގެ މުބާރާތް ފެށުނު ފަހުންވެސް ކޮންސިއުލޭޓުން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޓްރިވެންޑްރަމްގެ ޑިސްޓްރިކްޓް ފުޓްބޯލް އެސޯސިއޭޝަން (ޑިއެފްއޭ) އާއި މި މުބާރާތް އިންތިޒާމް ކުރާ ފަރާތް، ވޯލްޑް ސްޕޯޓްސް ގްރޫޕް (ޑަބްލިއުއެސްޖީ)އާއި އަދި ރާްއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އާއި އެނޫންވެސް އެކިއެކި ފަރާތްތަކާ ގުޅިގެން ކޮންސިއުލޭޓުން ދަނީ ވީހާވެސް ގިނަ ދިވެހީންނަށް ހިލޭ ދަނޑަށް ވަދެނޭނޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުންނެވެ.
އަލިބެ ވިދާޅުވީ، އެހެން ދުވަސް ތަކެކޭ އެއްފަދައިން ޓިކެޓް ހުރިނަމަ މިއަދުވެސް، ކޮންސިއުލޭޓަށް ލިބިފައިވާ ޓިކެޓްތައް މެޗު ފެށުމުގެ އެއް ގަޑިއިރު ކުރީން މެޗު ކުޅޭ، ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގެ މެއިން ގޭޓު ސަރަހައްދުން ލިބޭނޭ އިންތިޒާމް ހަމަޖައްސަވާނޭ ކަމަށެވެ.
ރާއްޖެއާއި އިންޑިއާ ކުޅޭ ސެމީ ފައިނަލް މެޗަކީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނޭ މެޗުކަމަށް ބެލެވެއެވެ.