މަރުގެ އަދަބު ތަންފީޒުކުރަން ރާއްޖޭގައި އަލުން ފެށުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވި މައްސަލަ ޝަރުއީ ކޯޓަކަށް ހުށަހަޅަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.
ދިޓީވީގެ " ޚަބަރު ތެރެއިން" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ބަޔަކު ތެދުވަން ޖެހޭ ކަމަށެވެ.
"...މި މައްސަލަ ތަހުގީގުކޮށްދިނުމަށްޓަކައި ދިވެހިންގެ ތެރެއިން ބަޔަކު ތެދުވެ ޝަރުއީ ކޯޓަކަށް ، ޑރ. ޝަހީދު ދެއްކެވި ވާހަކަ، އެމަނިކުފާނު ކުރެއްވި ޓްވީޓާ ގުޅޭ ގޮތުން ތަހުގީގުކޮށްދިނުމަށް އެދި ހުށަހަޅަން ޖެހޭ،" އިސްލާމްދީނުގައިވާ ޤިސާސްގެ ހުކުމަށް ގޮން ނުޖެހޭނެ ކަމަށް ވިދާޅުވުމަށް ފަހު މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ޒިޔާދު ވިދާޅުވީ އިސްލާމަކަށް ވެ ހުރެ އެކަހަލަ ވާހަކަ ދެއްކުމަކީ އެމީހެއްގެ އަގީދާއާ މެދު ސުވާލު އުފައްދަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި އެމައްސަލަ ކޯޓަށް ހުށަހެޅުމުން ޑރ. ޝަހީދަކީ ކޮން ކަހަލަ މީހެއްކަން ކޯޓުން ނިންމާނެ ކަމަށެވެ.