ކެންޔާގައި ކްރިސްޓިއަނުންތަކަކަށް ހަމަލާދޭން އުޅުމުން ދިފާއުގައި ތެދުވީ މުސްލިމުން!

ސޯމާލިއާއަށް ނިސްބަތްވާ ޝަބާބް ގްރޫޕުގެ ހަނގުރާމަވެރިންތަކެއް ---

ކެންޔާގައި ސޯމާލިއާއަށް ނިސްބަތްވާ އަލް ޝަބާބުގެ ހަނގުރާމަވެރިންތަކެއް ބަހަކަށް އަރައި ކްރިސްޓިއަނުންނަށް ހަމަލާދޭން އުޅުމުން އެ މީހުންގެ ދިފާއުގައި ބަހުގައި ތިބި މުސްލިމުން ތެދުވެއްޖެ އެވެ.

ބަހުގައި ތިބި ބައެއް މީހުންނާ ހަވާލާ ދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެ މީހުން ދަތުރުކުރަމުން ދިޔަ ބަސް ހުއްޓައި އެޔަށް 10 ވަރަކަށް ހަނގުރާމަވެރިން އެރި އެވެ. އަދި ބަހުން ފަސިންޖަރުންތައް ބާލުވައި މުސްލިމުންނާ ކްރިސްޓިއަނުން ދެބަޔަކަށް ބެހުމަށް އެންގި ކަމަށެވެ.

ނަމަވެސް އެކަމަށް ދެކޮޅު ހަދައި ބަހުގައި ތިބި މުސްލިމުން ވަކިނުވެ ކްރިސްޓިއަނުންނާ އެއްކޮޅަށް އެރި ކަމަށް މަންޒަރުދުއް މީހުން ބުނެފައިވެ އެވެ.

އެ ހަމަލާގައި ބަހުން ބޭލުވުމުން ފިލަން މަސައްކަތްކުރި ދެ ކްރިސްޓިއަނެއް ގަޔަށް ހަނގުރާމަވެރިން ވަނީ ބަޑި ޖަހާ މަރާލި އިރު، ކްރިސްޓިއަނުންނަށް ހިމާޔަތްދިން ތިން މުސްލިމަކު ވަނީ ޒަހަމްވެފައެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީން ފުރައިގެން ކެންޔާގެ އިރު ދެކުނުގައި އޮންނަ މޭންޑެރާ އަށް ދަތުރުކުރަމުންދިޔަ އެ ބަހުގައި އޭރު 60 ފަސިންޖަރުން ތިބި ކަމަށްވެ އެވެ.

"ހަނގުރާމަވެރިން ގާތު ބަހުގައި ތިބި މުސްލިމުން ބުނީ، މަރާލަންޔާ އެ އެންމެން މަރާލުމަށް. ނުވަތަ އެ އެންމެން ދޫކޮށްލުމަށް،" ކެންޔާގެ ނޫހަކަށް އިންޓަވިއުދެމުން މޭންޑެރާގެ ގަވަނަރަކު އަލީ ރޮބާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ، ބަހުގައި ތިބި ފަސިންޖަރުން އެެކަތި ގަނޑަކަށްވުމުން ހަނގުރާމަވެރިންނަށް ފިލުމަށް މަޖުބޫރުވީ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ރޮއިޓާސް އަށް ދިން ބަޔާނެއްގައި އަލް ޝަބާބް ގްރޫޕުގެ ތަރުޖަމާން ބުނެފައިވަނީ، އެ ގްރޫޕުން އެރި ބަހަށް ހަމަލާދިން ކަމަށާއި ބައެއް ކްރިސްޓިއަނުން މަރުވެ އަނެއް ބައި މީހުން ޒަހަމްވެފައިވާ ކަމަށެވެ.

މައުލޫމާތު: ރޮއިޓާސް، ބީބީސީ

comment ކޮމެންޓް