ހއ.ތަކަންދޫން: އަހުމަދު ސާއިލު އަލީ
ހިތްފަސޭހަ މައިޒާނަކަށް ދިޔަސް ފެންނަނީ އެ މަންޒަރެވެ. ކޮންމެ ގެއަކުންހެންވެސް ފެންނަނީ ހަމަ އެ މެންޒަރެވެ. މަގަކުން ހިނގާލިޔަސް އެމަސައްކަތުގެ ކޮންމެވެސް މަންޒަރެއް ނުފެނި ނުދާނެ އެވެ. މިދައްކަނީ ހއ. ތަކަންދޫގައި ފަންގި ވިނުމުގެ ފޯރި އޮތް މިންވަރެވެ. މީގެ 12 ވަރަކަށް އަހަރު ކުރިން ފެށި މި މަސްކަތް މިއަދު ވަނީ މި ރަށުގައި ވަކިހިއްޕާލައިފަ އެވެ. އެއީ މިރަށުގެ އެތައް ބަޔަކު ފައިސާ ހޯދަން ކުރާ މަސައްކަތަކަށްވާ އިރު އެމަސައްކަތް ވެފައި ވަނީ މިރަށް އިގްތިސާދީ ގޮތުން ފުދުންތެރި ރަށަކަށް ހަދައިދިން ސަބަބަކަށެވެ.
ތަކަންދޫގައި އާންމުކޮށް މީހުންއުޅޭ 110 ގޭބިސީގެ ތެރެއިން 97 ޕަސެންޓް ގޭގައި ފަންގި ވިންނަ އިރު އެއީ އެގޭގޭގައި ފޯރިއާ އެކު ކުރަމުން އަންނަ މަސައްކަތެކެވެ. އަންހެނެއް ފިރިހެނެއް ވަކި އުމުރެއް ނޯވެ އެވެ. އެމަސައްކަތް ދަސްވެފައިވާ ކޮންމެ ކުއްޖެއް ނުވަތަ މީހެއްހެން އެމަސައްކަތް ދަނީ ކުރަމުންނެވެ. އޮފީސްތަކުގައި ވަޒީފާގައި އުޅެފައި އެލިބޭ ހުސް ވަގުތުތަކުގައި ވެސް ކުރާކަމަކަށްވެފައި ވަނީ ފަންގި ވިނުމެވެ. މިރަށުގައި ވަކި ބަޔަކަށް ނުވަތަ ވަކި ޖިންސަކަށް އެމަސައްކަތް ހާއްސަވެފައެއް ނުވެ އެވެ.
ފަންގިވިނުމުގެ ފޯރި މިރަށުގައި އުފެދިފައި ވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން، މިރަށު ކައިރި އޮންނަ ދޮނަކުޅީގައި ރިސޯޓް ހެދުމުގެ މަސައްކަތް ފެށުމުންނެވެ. އޭރު މިރަށުން ފަންގި ބޮނޑިއެއް 20 ރުފިޔާއަށް ވިއްކި އިރު އެފަންގީގެ އަގު މިހާރު މިވަނީ ބޮނޑިއެއް 62 ރުފިޔާ އަށް މައްޗަށް ގޮސްފަ އެވެ. އަދި އޭރު ދެ ތިން މީހަކު ކުރި މަސައްކަތް މިއަދު މިވަނީ އެތައް ބަޔަކު ކުރާ ކަމަކަށްވެފަ އެވެ.
މިރަށަށް އައިސް ރަށު ތެރޭ ހިނގާލި ކޮންމެ މީހަކަށް ވެސް މިރަށުގައި ފަންގި ވިނުމުގެ ފޯރި އޮތް މިންވަރު ހާމަވެގެންދާނެ އެވެ. މަގުގެ ކޮންމެވެސް ހިސާބަކުން ނުވަތަ ކޮންމެވެސް ގެއެއްގެ އަސްކަނި ކައިރީގައި ފަންގި ވިނދެފައި އަވީލުމަށް ނުބަހައްޓާ މަގެއް ނެތޭ ބުންޏަސް ދޮގަކަށްނުވާނެ އެވެ. ހިތް އުފާކޮށް ރައްޓެހިންނާއި ވާހަކަ ދައްކާލައި ހެދުމަށް މިރަށުގެ އެކިއެކި ހިތްފަސޭހަ މައިޒާންތަކުގައި ތިބޭއިރު ވެސް މުޅިންހެން ތިބޭނީ ފަންގި ވިނުމަށް ނުވަތަ ފަންގި ވިނުމަށް ޓަކައި ބޭނުންވާ ރޯނު ވެށުމަށެވެ. ރޯނު ވެށުމުގައި މުޅިންހެން ހަރަކާތްތެރިވާނީ އަންހެނުންނެވެ.
މިރަށުގައި ގުދުރަތީ ރީތި ތިން ކުޅި އޮންނައިރު ދުވާލުގެ ގިނަ ވަގުތުތަކުގައި އެހިސާބުތަކުން ވެސް އިވިގެންދާނީ ހިތްގައިމު އަޑުތަކެވެ. އެއީ ރޯނު ވެށުމަށްޓަކައި ބޮނބި ތަޅާ އަޑެވެ. އެކުޅިތަކުގެ އެކިހިސާބުތަކުގައި "އޮޅު"(ބޮނބިފާކުރާ ތަން) ހަދައިގެން އެވެރިންގެ މަސައްކަތަކަށް ވާނީ ރޯނު ވެށުމަށް ބޭނުންވާ ބޮނބި ނަރު ތައްޔާރު ކުރުމެވެ. އެގޮތަށް ހަދާ ނަރުން ރޯނުވެށުމަށް ފަހު އެރޯނު ބޭނުންކުރަމުންދާނީ ފަންގިވިނުމަށެވެ.
ރަށުގެ ވަލު ތެރެއަށް ވަނަސް އެހާ ފަޅުކަން އިހުސާސެއް ނުވާނެ އެވެ. ވަލުގެ ކޮންމެވެސް ހިސާބަކުން މީހަކާއި ދިމާނުވެ ދިއުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. ވަލުގެ އެކި ހިސާބުތަކުގައި އަންހެނުންނާއި ފިރިހެނުން ހަރަކާތްތެރިވާއިރު އެމީހުންގެ މަސައްކަތަކަށް ވެފައި ވާނީ ފަންގި ވިނުމަށް ފަންހޯދުމެވެ. އެކަމަށް ވަކި ގަޑިއެއްނޯވެ އެވެ. ރޭގަނޑުގެ ދަންވަގުތުތަކުގަޔާއި ދުވާލުގެ އެކި ވަގުތުތަކުގައި މިބުނާ މީހުން ފަން ހޯދުމަށް ހަރަކާތްތެރިވާނެ އެވެ. ހާއްސަކޮށް ވައިގަދަ ދުވަސްވަރެއް ވިއްޔާ އިތުރަށް ފޯރި ގަދަވާނެ އެވެ.
ފަންގި ވިނުމުގެ މަސައްކަތް މިރަށުގެ އެތައް ބަޔަކު ކުރަމުން އަންނައިރު އެއެންމެން ބޭނުންވާ ފަން ހޯދުމަށް ރަށު ވަލު އޮންނަނީ ކުޑަވެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިރަށުގެ މީހުން ކަންކުރަމުން އަންނަ ގޮތަކީ އަތޮޅުގެ އެކި ރަށްރަށަށް ފަންހޯދުމަށް ދަތުރުތައް ކުރުމެވެ. ފަޅުރަށްތަކާއި މީހުން ދިރިއުޅޭ އެކި ރަށްރަށަށް ގުރޫޕުތައް ހަދައިގެންގޮސް ފަންގި ވިނުމަށް ފަންހޯދުމަކީ މިރަށުގެ އާދައެކެވެ. އެކަމުންވެސް ދައްކުވައިދެނީ މިރަށުގައި ފަންގި ވަނުމެ ފޯރި އޮތް މިންވަރެވެ.
ފަންގި ވިނުމުގެ ފޯރި މިރަށުގައި ގަދަވެފައިވާ އިރު އޭގެ އެންމެ ބޮޑު ސަބަބަކީ އެ މަސައްކަތުން ލިބޭ އާމްދަނީ ބޮޑުވުމެވެ. ފަންގި ބޮނޑިއެއް 62 ރުފިޔާއަށް ވިއްކާއިރު އެ މަސައްކަތް މިއަދު ވެފައި ވަނީ މިރަށް އިގްތިސާދީ ގޮތުން ހެއްވާލި މަސައްކަތަކެވެ. ގޭތެރެއަށް ބޭނުންވާ އެކިއެކި ހަރަދާއި ދަރިންބެލުމަށް ހޭދަވާ ހަރަދު ޗަލާ ވަރަށް މިރަށު މީހުންނަށް ފަންވެދެގެން އާމްދަނީ ލިބެ އެވެ.
"ގޭތެރޭ ހަރަދުތަކާއި ދަރިންގެ ހަރަދުތައް ބެލެހެއްޓޭވަރަށް ފަންގި ވިނދެގެން އާމްދަނީ ދަނީ ލިބެމުން، ހަމައެގޮތަށް ލާރި އެއްކޮށްގެން ގެ އިމާރާތް ކުރުން ފަދަ މަސައްކަތްތަކަށްވާ ވަރަށް ވެސް މިމަސައްކަތުން އާމްދަނީ ދަނީ ލިބެމުން." ފަންގި ވިނުމުގެ މަސައްކަތް ފޯރިއާ އެކު ކުރަމުން އަންނަ ތަކަންދޫ އަންހެނަކު ބުންޏެވެ.
މިރަށުގައި ވިންނަ ފަން ވިއްކުމަށް އެޖެންޓެއް ގޮތަށް ހަރަކާތްތެރިވާ ހާމިދު ބުނާގޮތުގައި އާންމުކޮށް މަހެއްގެ މައްޗަށް ދެ ފަހަރު މިރަށަށް ފަން ގަންނަ ފަރާތްތަކުން އާދެ އެވެ. އޭގެން ކޮންމެ ފަހަރަކު ގާތްގަނޑަކަށް 1000 ވަރަކަށް ބޮނޑި ފަންގި މުޅި މިރަށުން ވިއްކަ އެވެ. އެހެންކަމުން ފަންގި ވިއްކައިގެން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 124000 ވަރަކަށް ރުފިޔާ މިރަށަށް ވަދެ އެވެ. އެފައިސާތައް އެކި ގޭބިސީތަކަށް ބަހާއިރު ފަންގި ވިނދެގެން މަހެއްގެ މައްޗަށް 8000 ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭ ގެތައް މިރަށުގައި ހުރެ އެވެ.
ފަންގި ވިނުމުގެ މަސައްކަތަކީ ރާއްޖޭގެ ގިނަ ރަށެއްގައި ކުރަމުން އަންނަ މަސައްކަތަކަށް ވާއިރު ތަކަންދޫ ހާއްސަ ވެފައި ވަނީ ރަށުގެ ބޮޑުބައެއްގައި އެ މަސައްކަތް ކުރާ ރަށެއްގެ ގޮތުގަ އެވެ. ހާއްސަކޮށް މުޅިރަށުގައި ފަންގި ވިނުމަށް އުފެދިފައިވާ ފޯރިއެވެ. އެމަސައްކަތް ވެފައި މިވަނީ ތަކަންދޫއަށް އެތައް ހާސް ރުފިޔާއެއް ލިބޭ މަސައްކަތަކަށެވެ. މިރަށް ފުދުންތެރިކޮށް ރަށް ހެއްވާލި މަސައްކަތަކަށެވެ.