ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތީ ވިލިނގިލީ ބަޔަކު އިހްތިޖާޖުކޮށްފި

ގއ. ވިލިނިގިލިން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވާތީ އެ ރަށުގެ ޒުވާނުން މިރޭ އިހްތިޖާޖު ކުރަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް

ގއ. ވިލިނގިލީގައި ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެރަށު ޒުވާނުން ހިނގާލުމެއް ބާއްވައިފި އެވެ.

މިރޭ އިޝާނަމާދަށް ފަހު ވިލިނގިލީގެ ޒުވާނުން ވަނީ، ފުޅިބައްތިއާއި އުއްބައްތިތައް ހިފައިގެން އެރަށުގެ ބޮޑެތި މަގުތަކުގައި އިހްތިޖާޖްކޮށްފަ އެވެ.

"އަޅުގަނޑުމެން ހިތްހަމަނުޖެހުން ފާޅުކުރާން މި ނުކުތީ، އިރިއިރުކޮޅުން ކަރަންޓް ކެނޑޭތީ، ގޭގޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނުތައް ހަލާކުވެ، އެނޫން ވެސް ގެއްލުންތައް ރައްޔިތުންނަށް ލިބެމުންދާތީ. އަދި މިކަން ހައްލުނުވެ ދިގުލަމުން ދާތީ،" 2900 މީހުންގެ އާބާދީއެއް އޮންނަ ވިލިނގިލީގައި މިއަދު ކުރިއަށް ދިޔަ އިހްްތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ސަންއަށް ކިޔައިދިނެވެ.

ވިލިނގިއްޔަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންއާ ގުޅޭ ގޮތް ނުވުމުން އެކަމާ ގުޅޭ ގޮތުން އެފަރާތުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ގއ. ވިލިނިގިލިން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވާތީ އެރަށުގެ ޒުވާނުން މިރޭ އިހްތިޖާޖު ކުރަނީ-- ސަން ފޮޓޯ: ކިޔުންތެރިއެއް

ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު "ސަން" އަށް ވިދާޅުވީ، އެރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެފައި ވަނީ އިންޖީނުގޭގައި ބޭނުންކުރާ ޖަނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

"އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ތިން ޖަނަރޭޓަރުގެ ތެރެއިން 800 ކިލޯ ވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުމުގެ މައްސަލަ މެދުވެރިވީ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އަންނަނީ އެ މައްސަލަ ހައްލުކުރުމަށް ޓަކައި މަސައްކަތް ކުރަމުން،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަނގަޅު ހާލަތުގައި ހުރީ 400 އާއި 260 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ކަމަށާއި އެ ދެ ޖަނަރޭޓަރުން މުޅި ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ.

ވިލިނގިލީގައި މިރޭ އިހްތިޖާޖު ކުރި ޒުވާނުން ބުނީ، އެ ރަށަކީ އަބަދު ވެސް އެއިރެއްގައި އޮންނަ ސަރުކާރަކަށް ފުރިހަމައަށް އެއްބާރުލުންދޭ ރައްޔިތުންތަކެއް އުޅޭ ރަށެއް ކަމަށާއި އެހެންނަމަވެސް "20 މިނިޓް ކަރަންޓް ލިބިފައި، އަނެއް 30 މިނިޓް ކަރަންޓު ނުލިބޭތީ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަން މަގުތަކަށް ނުކުތީ،" ކަމަށެވެ.

comment ކޮމެންޓް