ސަރުކާރުން މަސައްކަތް ކުރަނީ ހަމަ އެކަނި ތެޔޮ ހޯދަން ނޫން ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.
ކޮޕް21 ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ފްރާންސްގެ ވެރިރަށް ޕެރިހުން އެނބުރި ރާއްޖެ އަށް ވަޑައިގެން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިއްޔެ ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި ހުރީ ކޮން ކޮން ވަސީލަތްތަކެއްތޯ ބަލަން ކަމަށެވެ.
"... އެއްޗެއް ހުރުމަކީ އަދި އެއްޗެއް ބޭނުން ކުރުމެއް ނޫން، އިނގޭތޯ. އެހެންވީމާ ފުރަތަމަ ކަމަކީ، އަޅުގަނޑުމެން މިކުރާ ކަމަކީ ކޮބައިތޯ ހުރި ރިސޯސަސްތަކަކީ. ތެލެއް އެކަންޏެއް ނޫން. ދެން ވެސް ހުރި އެއްޗިއްސަކީ ކޮބައިތޯ ބެލުން،" ރާއްޖޭން ތެޔޮ ހޯދަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް އެންވަޔަރްމެންޓް މިނިސްޓަރެއްގެ ހައިސިއްޔަތުން ދެކެވަޑައިގަންނަވަންތޯ؟ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ތާރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހުރި ވަސީލަތްތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގިގެން ދިއުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އެކަން ބެލުމަށް ތަފުސީލީ ދިރާސާއެއް އެއްވެސް ސަރުކާރަކުން ކޮށްފައިވޭތޯ މިނިސްޓަރު ސުވާލު އުފެއްދެވި އެވެ. އިގުތިސާދު ފުޅާ ކުރުމަށް ވިސްނޭނީ ވެސް އެއްޗެއް ހުރިކަން އެނގިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕެރިހުގައި ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮޕް21 ސަމިޓަކީ ވަރަށް ކާމިޔާބު ސަމިޓެއް ކަމަށް މިނިސްޓަރު ވިދާޅުވާ ވިދާޅުވުން އިއްޔެ ވެސް ތަކުރާރު ކުރެއްވި އެވެ. އެސަމިޓްގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކުދި ގައުމުތައް އެއް ވިސްނުމެއްގައި ބޭތިއްބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.