އީރާނުގެ ބޫޝަހެރު ނިއުކްލިޔަ ސްޓޭޝަނުން ކަރަންޓް އުފެއްދުމުގެ މަސައްކަތް މޭމަހު ފަށަނީ

ތެހެރާން : މިދިޔަ އަހަރުގެ ފަހުކޮޅު މަސައްކަތް ނިންނުމަށްފަހު އީރާނުން ހުޅުވި އެޤައުމުގެ ބޫޝަހެރު ނިއުކްލިޔަރ ސްޓޭޝަނުން ކަރަންޓް އުފެއްދުމުގެ މަސައްކަތް އަންނަ މޭމަހު ފަށާނެކަން އެޤައުމުން ހާމަކޮށްފިއެވެ.

އީރާނުގެ ނިއުކްލިޔަރ އިދާރާގެ ކުރީގެ ވެރިޔާ އަދި މިހާރުގެ ޚާރިޖީ ވަޒީރު ޢަލީ އަކްބަރު ސާލިހީ ވިދާޅުވިގޮތުގައި މިސްޓޭޝަނުން ކަރަންޓް އުފެއްދުމުގެ މަސައްކަތް ކުރުން ލަސްވީ އޭގައި ހިމެނޭ ފިނިކުރާ ހަތަރު ނިޒާމުގެ ތެރެއިން އެއްނިޒާމުގައި މައްސަލަތަކެއް އުޅޭތީ އެކަން ރަނގަޅު ކުރުމަަށެވެ.
މޭމަހު ކަރަންޓް އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން އެސްޓޭޝަންގައި މިހާރުހުރި ނިއުކްލިޔަރ ފިއުލް (ފައްކާކުރި ޔޫރޭނިޔަމް) އަލުން ނަގައި އެފިއުލް ސާފުކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތްކުރަމުންގެންދާ ކަމަށްވެސް ސާލިޙީ ވިދާޅުވިއެވެ. ރަޝިޔާގެ ފަންނީ އެހީގައި އީރާނުން ބިނާކޮށް މިދިޔަ އޮގަސްޓްމަހު ހުޅުވި ބޫޝަހެރު ނިއުކްލިޔަރ ސްޓޭޝަނަކީ ނިއުކްލިޔަރ ހަކަތައިން ކަރަންޓް އުފެއްދުމަށްޓަކައި ބިނާކުރުމަށް އީރާނުން ރާވާފައިވާ 20 ނިއުކްލިޔަރ ރިއެކްޓަރ ގެ ތެރެއިން ފުރަތަމަ ރިިއެކްޓަރެވެ.

އިތުރު ދެ ރިއެކްޓަރ ބިނާކުރުމުގެ މަސައްކަތް އަމިއްލަ ޓެކްނޮލޮޖީގައި އީރާނުން މިހާރު ކުރަމުން އެބަގެންދެއެވެ. އީރާނުގައި ބޮންގޮއްވުމުގެ ޢަމަލުތައް ހިންގަމުންގެންދާ ވާތުފިޔައިގެ ހަރުކަށި މުޖާހިދީ ޚަލްޤު ޖަމާއަތުންވަނީ ތެހެރާންގައި ނިއުކްލިޔަރ ސިއްރު މަރުކަޒެއް އީރާނުން ބިނާކޮށްފައިވާކަމަށްބުނެ ދާދިފަހުން ބަޔާނެއް ނެރެފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މިއަދު ވިދާޅުވީ މިއީ އީރާނުގެ ނިއުކްލިޔަރ ލެބޯޓްރީތަކުގައި ޔޫރޭނިޔަމް ފައްކާކުރުމަށް ބޭނުންކުރާ ސެންޓްރިފިއުޖް މެޝިންތައް އުފެއްދުމަށް ބޭނުންކުރާ ފެކްޓްރީއެއް ކަމަށާއި މިއީ ނިއުކްލިޔަރ ސިއްރު މަރުކަޒެއް ނޫންކަމުގައެވެ.
އީރާނުގެ ނިއުކްލިޔަރ ލެބޯޓްރީތަކާއި ނިއުކްލިޔަރ ރިއެކްޓަރ ތަކަށް ބޭނުންވާ އެކިބާވަތުގެ ސާމާނާއި މެޝިނަރީ އުފެއްދުމަށްޓަކައި އީރާނުގެ ކަންކޮޅުތަކުގައި އެތަށް ފެކްޓްރީއެއް މިހާރު ބިނާކޮށްފައިވާނެ ކަމަށްވެސް ސާލިޙީ ވިދާޅުވިއެވެ. -- އަލްޖަޒީރާ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު