މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ކޮންޓްރެކްޓް އާ ކޮށްފައިވާ އިރު މަހިބަދޫ ސްޕޯޓްސް ކްލަބަށް މި ސީޒނުގައި ކުޅުނު އަލީ ސަމޫހު(ސަމުއްޓޭ)އާއި ގާސިމް ސައްމާމް މާޒިޔާ އަށް ސޮއިކޮށްފި އެވެ.
އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ ސަމުއްޓޭ އާއި ސައްމާމުއަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ވެސް މުހިންމު ދެ ޑިފެންޑަރުންނަށް ވާއިރު ސަމުއްޓޭ އަކީ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.
ފާއިތުވި ހަތަރު ސީޒަނުގައި ވެސް މާޒިޔާ އަށް ކުޅުނު އަސަދުﷲ ގެ އިތުރުން އެ ޓީމުގެ ޒުވާން ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ވެސް ވަނީ މާޒިޔާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
އަންނަ އަހަރުގެ އޭއެފްސީ ކަޕުން ވެސް ޖާގަ ހޯދާފައިވާ މާޒިޔާ އަންނަނީ އަންނަ އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކުޅުންތެރިން ތަކެއް ގެނައިސް މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ދަނީ އާ ކުރަމުންނެވެ.
އެ ޓީމުން ވަނީ ނިއު ރޭޑިއަންޓުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އާއި ކްލަބް އީގަލްސްގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ވެސް ގެނެސްފަ އެވެ.