ނަޒާހަތްތެރިކަމުގެ ގައުމީ ވައުދު އިފްތިތާހުކޮށްފި

ނަޒާހަތްތެރިކަމުގެ ގައުމީ ވައުދު އިފްތިތާހު ކުރަނީ -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކަމާ އެކު ނަޒާހަތްތެރިވުމަށް ބާރުއެޅުމުގެ ގޮތުން ނަޒާހަތްތެރިކަމުގެ ގައުމީ ވައުދު މިއަދު އިފްތިތާހުކޮށްފި އެވެ.

މިއަދު ހުރަވީ ބިލްޑިންގްގައި ކުރިއަށް ދިޔަ ކުޑަ ރަސްމިއްޔާތެއްގައި ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގެ ބޯޑް އިފްތިތާހް ކޮށްދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ޝަފީއު އެވެ.

ވައުދު އިފްތިތާހު ކޮށްދެއްވުމަށް ފަހު ޝަފީއު ވިދާޅުވީ ނަޒޭހަތްތެރި ކަމަށް ބާރުއަޅައި ކޮރަޕްޝަން ނައްތާލުމަށް ވައުދެއް ވުމުގެ އިތުރުން ހިތުގައި ވައުދު އެކަށައަޅައި އެ ވައުދުގެ މައްޗަށް އަޒުމު އާ ކުރަން ޖެހޭނެ ކަމަށެވެ.

ނަޒާހަތްތެރިކަމުގެ ގައުމީ ވައުދު އިފްތިތާހް ކުރުން -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ޝަފީއު ވިދާޅުވީ، ދައުލަތުން ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ދޭން ތިބޭ ބަޔަކު މިފަދަ އަޒުމެއްގައި ހިފަން ޖެހޭނެ ކަމަށެވެ.

"ކުށެއް މި ކުރެވެނީ އެ ދޭ މީހާ އާއި ކޮށްދޭން ހުންނަ މީހާއާ ގުޅިގެން. އަދި އޭގެ ސަބަބުން މިވާ ގޮތަކީ ހަމައާއި އިންސާފުން ބޭރުން، ހަމަހަމަކަން ނެތިގެން ދާގޮތަށް ނުހައްގުން މީހަކަށް އެއްޗެއް ލިބި، ހައްގު ލިބެންވާ މީހާ އެ ހައްގުން މަހްރޫމްވެ އެފަދަ ކަންތައްތަކެއް ވެގެން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި، ވައުދުގެ މަޤްސަދަކީ ދައުލަތުގެ މުވައްޒަފުން ނަޒާހަތްތެރިކަމާ އެކު ޒިންމާދާރުވުމަށް ބާރުއެޅުމުގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް އިންސާފުވެރިކަމާ އެކު ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުން ވެސް ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަޒުމް ކަނޑައެޅުން ކަމަށެވެ.

ރާއްޖެ އިން ކޮރަޕްޝަން ނައްތާލުމަށް ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު އިފްތިތާހް ކުރި ވައުދުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުން ސޮއި ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

ނަޒާހަތްތެރިކަމުގެ ގައުމީ ވައުދު އިފްތިތާހް ކުރުން -- ސަން ފޮޓޯ: ޝަފްނާ ހުސައިން

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެފަދަ ބޯޑުތައް ދައުލަތުގެ ހުރިހާ އިދާރާއެއްގައި ބެހެއްޓޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި ވައުދުގައި ސޮއި ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

ކޮމިޝަނުން ބުނީ ކޮމިޝަނަށް ވަޑައިގެންވެސް ވައުދުގައި ސޮއި ކުރެވިދާނެ ކަމަށާއި ވަކި އިދާރާތަކުން ސޮއި ކުރުމުގެ ރަސްމިއްޔާތެއް ބާއްވާ ނަމަ ކޮމިޝަނުން ބައިވެރިވާނެ ކަމަށެވެ.

ގައުމީ ނަޒާހާތްތެރިކަމުގެ ފުރިހަމަ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން އޭސީސީ އިން ދަނީ ޕްލޭނެއް އެކުލަވާލައި އެއާ އެއްގޮތަށް އަމަލުކުރަމުންނެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުން އެ ޕްލޭންގެ ތެރޭގައި ހިމެނެ އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ނަޒާހާތްތެރިކަމާ ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުވުމަށް "ބިތުފަންގި" ނަމުގައި ވަނީ ބްލެޓިންއެއް ނެރިފަ އެވެ. އޭސީސީއިން ބުނީ ކޮންމެ ތިން މަހުން އެއްމަހު އެ ބްލެޓިންގް ނެރޭނެ ކަމަށެވެ. އެ ބްލެޓިންގައި ކޮރަޕްޝަނުގެ މަސައްކަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ހިމެނޭނެ ކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް