ކަޅުއޮށްފުންމި ބަނުމަށް ކެނޑި ކޮންމެ ރުކަކަށް ދެ ރުއް އިންދަން ފަށައިފި

ހޯމް މިނިސްޓްރީގެ ނައިބު މާޒް އަހުމަދު ސަލީމް ނޭކުރެންދޫގައި ރުއް އިންދަވަނީ: ކަޅުއޮށްފުއްމި ބަނުމަށް ކެނޑި ކޮންމެ ރުކަކަށް ދެ ރުއް ނޭކުރެންދޫ ކައުންސިލާ ހޯމް މިނިސްޓްރީން ވަނީ އެރަށުގައި އިންދާފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުއްމި ނަމޫނާ އަކަށް ބަލައިގެން ބަތް ކަޅުއޮށްފުންމި ބަނުމަށް ހދ. ނޭކުރެންދޫ އިން ކެނޑި ކޮންމެ ރުކަކަށް ރުކެއް އިންދަން ފަށައިފި އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން މިއަދު "ސަން"އަށް ވިދާޅުވީ ކަޅުއޮށްފުއްމި ބަނުމުގެ ގޮތުން ނޭކުރެންދޫ އިން 120 ރުއް ކަނޑާފައިވާ ކަމަށެވެ. އަދި މިހާރު ކެނޑި ކޮންމެ ރުކަކަށް ދެ ރުއް އިންދާފައިވާ ކަމަށާއި ޖުމުލަ 240 ރުއް މިހާރު އިންދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަޅުއޮށްފުއްމި މޫދަށް ބޭލި ދުވަހު ރުއްތައް އިންދުމުގެ މަސައްކަތް ފަށައިފިން. ދެން ހަމަ ކަޅުއޮށްފުއްމި ދޯނި ބަނުމަށްޓަކައި ހަމަ އެކަނި ރުކެއް ނޫން ކަނޑާފައި ހުންނާނީއެއް. އަޅުގަނޑުމެން ހުންނާނެ ގަސް ވެސް ކަނޑާފައި. އަދި އެކަމަކު ގަސް އިންދާފައެއް ނުވާނެ. ނަމަވެސް އެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރަމުން ދާނަން،" ސިޒާން ވިދާޅުވި އެވެ.

މިނިވަން 50 އާ ގުޅުވައިގެން ބަނދެފައިވާ ކަޅުއޮށްފުއްމި: ކަޅުއޮށްފުއްމި ބަނުމަށް ނޭކުރެންދޫ އިން ވަނީ ގިނަ އަދަދެއްގެ ރުއް ގަސް ކަނޑާފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ސިޒާން ވިދާޅުވީ އެ މަސައްކަތަކީ ނޭކުރެންދޫ ކައުންސިލާ ހޯމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ކަޅުއޮށްފުއްމި މޫދަށް ބާލައިފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

ހޯމް މިނިސްޓަރުގެ ނައިބު މާޒް އަހުމަދު ސަލީމު 'ސަން' އަށް މީގެކުރިން ވިދާޅުވީ ކަޅުއޮށްފުންމި ގައުމީ ދުވަހަށް އުތީމަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަޅުއޮށްފުއްމި ގެންދާނީ އެ ދޯނި ބަންނަން އުޅުނު އިސްފަރާތާއި ދޯނީގެ ރިޔާ ބަލަހައްޓަން ހާއްސާ ޓީމަކުން ކަމަށެވެ.

އޭގެފަހުން ކަޅުއޮށްފުންމި ބޭނުންކުރާނީ ތާރީހީ އެއްޗެއްގެ ގޮތުގައި ކަމަށް މާޒް ވިދާޅުވި އެވެ. އެގޮތުން ހެރިޓޭޖް ކުރިމަތީގައި އާންމުންނަށް ފެންނާނެހެން ކަޅުއޮށްފުންމި ބޭވުމަށް ހަމަޖެހިފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

comment ކޮމެންޓް