ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ދައްކާލުމަށް މައުރަޒެއް ފަށައިފި

ނުކުޅެދުންތެރިންގެ މައުރަޒު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޕޯކްސްޕާސަން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ދައްކާލާ އެ ފަރާތްތަކުގެ މަސައްކަތް މާކެޓަށް ނެރުމަށްޓަކައި "ރެދަން 2015 – ފަންނުވެރި އަހަރެމެން"ގެ ނަމުގައި މައުރަޒެއް ފަށައިފި އެވެ.

އާޓް ގެލެރީގައި މިއަދު ފެށި އެ މައުރަޒު ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެވެ.

އެ މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު ވިދާޅުވީ މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ މައުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާފައިވާ މޮޅެތި އުފެއްދުންތައް ފެނިގެންދާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ހުޅުވި މައުރަޒުގައި އެތަކެތި ވިއްކާނެ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަނިލް ވިދާޅުވީ މައުރަޒުގައި ހުރި މަސައްކަތްތައް ބަލާލުމުން އެ ފަރާތްތަކަކީ ހުނަރު ހުރި ގާބިލު އަދި ހީވާގި ބައެއްކަން އެނގިގެންދާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކަށް ބޭނުންވަނީ އެކި ކަހަލަ ފުރުސަތުތައް ކަމަށް އޭނާ ވިދާާޅުވިއެވެ.

އެެހެން ކަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެ މައުރަޒަކީ އެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި އެޅިގެން ދިޔަ ބޮޅެއް ކަމަށް އަނިލް ވިދާޅުވިއެވެ.

ނުކުޅެދުންތެރިންގެ މައުރަޒު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސްޕޯކްސްޕާސަން

މިއަދުގެ ރަސްމިއްޔާތުގައި ލޯފަން ކުދިންނަށް ހާއްސަ ތާނަ ބްރެއިލް ފޮތެއް ވަނީ ލޯންޗުކޮށްފައެވެ. އެ ފޮތް ލޯންޗުކޮށްދެއްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އެވެ.

މިއަހަރު އަލަށް ފެށި އެ މައުރަޒު ކުރިއަށް އޮތްތާނގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަނިލް ވިދާޅުވިއެވެ.

comment ކޮމެންޓް