ސާޅިސް ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ ޓީމު އިވެންޓްގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ނިއުލެގޫން ސްވިމިން ކްލަބު ހޯދައިފި އެވެ.
ކޮންމެ ކެޓަގަރީއަކުން ވެސް ހަ ޓީމު ވާދަކުރި މުބާރާތުގައި ދެކެޓެގަރީ އިން ވެސް ރަނަރަފު މަގާމު ހޯދީ މޯލްޑިވްސް ލައިފް ގާޑު އެސޯސިއޭޝަނެވެ.
ޓީމު އިވެންޓްގެ އަންހެން ކެޓަގަރީގެ ތިން ވަނަ ހޯދީ ހުޅުމާލޭ ޔޫތު ޑިވްލަޕްމެންޓް ސޮސައިޓީ އެވެ. ފިރިހެން ކެޓަގަރީގެ ތިން ވަނަ ހޯދީ ނާޑް ސްޕޯޓްސް ކުލަބެވެ.
އިންޑަވިޖުއަލް ކެޓަގަރީ އިން 35 އަހަރުން މަތި ނުވަތަ މާސްޓާސް ކެޓަގަރީގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޙައްވާ ނާސިހާ އެވެ.
މާސްޓާސްގެ ކެޓަގަރީގެ ފިރިހެން ބައިގެ އެއް ވަނަ ހޯދީ އިބްރާހިމް މޫސާ އެވެ.
ސާދަ އަހަރުން މަތި އަންހެން ކެޓަގަރީގެ އެއްވަނަ ހޯދީ އާމިނަތު ޝާޖަން އެވެ. އެ އުމުރުފުރާގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ އެއް ވަނަ ފެތުންތެރިޔާ ނަޝްވާން އިބްރާހިމް އެވެ.
ސާދަ އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ އައިޝަތު ޒީބާ ހާމިދެވެ. ސާދަ އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ އެއް ވަނަ ހޯދީ އިސްމާޢީލް މުންތަސިމު އަދުނާން އެވެ.
ބާރަ އަހަރުގެ އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދީ ހަމްނާ އަހްމަދެވެ. ފިރިހެން ކެޓަގަރީ އެއް ވަނަ ހޯދީ ހަސަން ޒާއިން އެވެ.
މުބާރާތުގެ ފިރިހެން ކެޓެގަރީގެ އުމުރު ފުރާތަކުން އެއް ވަނަ ހޯދި ފެތުންތެރިންނާއި ފިރިހެން ކެޓެގަރީގެ ޗެމްޕިއަންކަން ހޯދި ނިއުލެގޫން ޓީމަށް ފައިސާގެ އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.
އަދި އަންހެން ކެޓެގަރީއިން އެއް ވަނަ ހޯދި ވަކިވަކި ފެތުންތެރިންނަށާއި އަންހެން ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދި ނިއުލެގޫން ޓީމަށް ފައިސާގެ އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.
މީގެ އިތުރުން މުބާރާތުގެ އެކި ވަނަވަނައަށް ފެތުންތެރިންނަށް ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ މެޑަލް ހަވާލުކޮށްދެއްވާފަ އެވެ.