20 އަހަރު ތެރޭގައި ޖަޕާނުގެ ވަޒީފާތަކުގެ މެޖޯރިޓީ ރޮބަޓުން ހޯދާނެ

ކޮމްޕިއުޓަރައިޒްޑް މެޝިންތަކެއް ކާރު ހަދާ ކުންފުންޏެއްގައި ބޭނުން ކުރަނީ---- ފޮޓޯ: އެންގެޖެޓް

ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ޖަޕާނުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ވަޒީފާތައް އަދާ ކުރަނީ ރޮބޮޓުން ކަމަށް ޑޭޓާ އެނަލިސްޓް ރިސާޗު ސެންޓަރެއް ކަމަށްވާ ނޮމޫރާ ރިސާޗް އިންސްޓިޓިއުޓް (އެންއާރުއައި) އިން ބުނެފި އެވެ.

އެންއާރުއައި އިން ޖަޕާނުގައި ކުރި ދިރާސާއިން ދައްކާ ގޮތުގައި 600 އަށްވުރެ ގިނަ ދާއިރާތަކުގެ ވަޒީފާތަކުގައި އިންސާނުންގެ ބަދަލު ކޮމްޕިއުޓާ ސިސްޓަމް ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އެންއާރުއައި އިން ވަނީ ރޮބޮޓު އިމްޕްލިމެންޓް ކުރާނެ މަސައްކަތްތައް ކޮމްޕިއުޓަރައިޒް ކުރެވިދާނެ ގޮތްތައް ވެސް ހޯދާފަ އެވެ. އެގޮތުން ކައުންޓަރުތަކުގައި ހަރަކާތްތެރިވުމާއި މުދާ ޑެލިވަރީ ކުރުން ފަދަ މަސައްކަތްތަކުގައި ރޮބޮޓުން ހަރަކާތްތެރި ވެގެންދާނެ ގޮތްތައް ވެސް ވަނީ އެ އިންސްޓިޓިއުޓް އިން ހޯދާފަ އެވެ.

ނަމަވެސް ޓީޗިިން އާއި ލިޔުން ފަދަ މަސައްކަތްތަކަކީ އަވަސް މުސްތަގުބަލެއްގައި ރޮބޮޓުން ހަރަކާތްތެރި ނުވާނެ ދާއިރާތައް ކަމަށް ވެސް ވަނީ އެ އިންސްޓިޓިއުޓް އިން ބުނެފައެވެ.

އެންއާރުއައި އިން ވަނީ އެފަދަ ދިރާސާއެއް އެމެރިކާ އަދި އިނގިރޭސިވިލާތުގައި ވެސް ކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ވަޒީފާތަކުގައި ރޮބޮޓު ބޭނުން ކުރާ އަދަދު 47 ޕަސެންޓަށް އަރާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އަދި އިނގިރޭސިވިލާތުގައި ރޮބޮޓުން ބޭނުންކުރާ ނިސްބަތް އެ މުއްދަތުގެ ތެރޭގައި 35 ޕަސެންޓަށް އަރާ ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ.

comment ކޮމެންޓް