ވިކްޓްރީ އަތުން 3-1 ނަތީޖާއަކުން ބަލިވެ ބީޖީ ސްޕޯޓްސް ޕްލޭ އޮފް ކުޅެން ޖެހުނު އިރު މެޗުން މޮޅުވެ ތާވަލުގެ ފަސް ވަނާގައި ވިކްޓްރީން ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރުކޮށްފި އެވެ.
ޕްލޭއޮފްގައި ބީޖީ ބައްދަލު ކުރަން ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ރަނަރަފް ގްރީން ސްޓްރީޓާ ދެކޮޅަށެވެ.
މި މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ވިކްޓްރީ ތާވަލްގެ ފަސް ވަނައަށް ޖެހިލިއިރު އެ ޓީމުން ވަނީ 17 ޕޮއިންޓް ހޯދާފަ އެވެ.
ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ސީދާ ޖާގަ ލިބެނީ ލީގު ތަވާލުގެ އެންމެ ކުރީގައި އޮންނަ ހަ ޓީމަށެވެ. ލީގުގެ ހަ ވަނައިގައި އޮތީ 16 ޕޮއިންޓާއެކު އޮތް ވެލެންސިއާއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗްގައި ވިކްޓްރީއިން ކާމިޔާބު ކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮމަޑޫ ގޯޑްފްރޭވެސްޓެވެ.
ވިކްޓްރިގެ ފުރަތަމަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި އޮމަޑޫ ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ލިބުނު ބޯޅަ ބީޖީގެ ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ.
އެ ބޯޅަ ދިފާއު ކުރަން ބީޖީގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފް ޑައިވް ކުރި ނަމަވެސް އެބޯޅަ ގޯލަށް ވަނީ އޭނަގެ އަތުގައި ނުޖެހިއެވެ.
އޭގެ އަށް މިނެޓް ފަހުން ބީޖީއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެންގޮސްފައެވެ.
މެޗްގެ 39 ވަނަ މިނެޓްގައި ބީޖީގެ ޑެނިއަލް ފޮނުވާލިބޯޅަ ވިކްޓްރީގެ ކީޕަރު ޠޮލާލް ޙަސަން ދިފާއު ކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބޯޅަ ދޫވެ އަލުން ޑެނިއަލް ފޮނުވާލި ނަމަވެސް ވިކްޓްރީގެ ގޯލް ތެރެއަށް ވަދެ ވަދެ އޮއްވައި އެޓީމުގެ ޢަލީ އިފާޒު ވަނީ ދިފާއުކޮށް ކުރިއަށް ފޮނުވާލާފަ އެވެ.
ދެ ވަނަ ހާފު ފެށިގެން އޮމަޑޫއަށް ވަނީ އިތުރު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
މެޗުގެ 52 ވަނަ މިނެޓްގައި ވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބީޖީގެ ގޯލް ދަނޑި މަތިން ބޭރަށެވެ.
ވިކްޓްރީގެ ދެ ވަނަ ލަނޑު އޮމަޑޫ ކާމިޔާބު ކުރީ 71 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ޝާތިރު ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރީ ބޯޅަ އޮމަޑޫގެ ބޮލުން ބީޖީގެ ކީޕަރު އިފްރާހް ބޯމަތިން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ދެ ވަނަ ހާފުގައި ބީޖީގެ ކުޅުން ވަނީ ރަނގަޅުކޮށް ވިކްޓްރީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ޑެނިއަލަށް ވަނީ ފުރުސަތުތައް ލިބިގެން ގޮސްފައެވެ.
މެޗްގެ 78 ވަނަ މިނެޓްގައި ބީޖީޢަށް ސުން ކަނޑުވަލަދީނީވެސް ޑެނިއަލެވެ.
ވިކްޓްރީގެ ޕެނަލްޓީ އޭރިއާގެ މެދު ތެރޭގައި ހުރެފައި ވިކްޓްރީގެ ކީޕަރު ޠޮލާލް ހުރި ޕޮޒިޝަނާ ދިމާއަށް ބޯޅާ ފޮނުވާލި ނަމަވެސް އެބޯޅާ ގޯލް ތެރެއަށް ވަދެގެން ދިޔައިރު ބޯޅަ ސަލާމަތް ކުރަން ތޯލާލަށް ކުރެވުނު ކަމެއް ނެތެވެ.
އެ ގޯލަށް ފަހު ބީޖީން ވަނީ ވިކްޓްރީގެ ގޯލަށް ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލާފައެވެ.
އެގޮތުން ވިކްޓްރީގެ ޕެނަލްޓީ އޭރިއާގެ ބޭރުން ބީޖީއަށް ލިބުނު ހިލޭ ޖެހުމުން ޑެނިއަލް ފޮނުވާލި ބޯޅަ ނުރައްކާކޮށް ދިޔަ ނަމަވެސް ތޮލާލް ވަނީ އެބޯޅާ ސޭވްކޮށްފައެވެ.
ވިކްޓްރީއިން ނަތީޖާ ފުޅާ ކުރީ 86 ވަނަ މިނެޓްގައި އޮމަޑޫ ފޮނުވާލި ބޯޅަ އިފްރާހް ދިފާއުކުރުމުން ރީބައުންސްވެގެން އައި ބޯޅަ ބީޖީގެ ގޯލް ކުރިމަތީ ހުރެ ވެއްޓިގެންފައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗް އެއް ވަރުކޮށްލައިގެން ވެސް ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުވާން އޮތް ވިކްޓްރީގެ ކޯޗް އަޙްމަދު ނާޝީދު (ނާދު) މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ މެޗަށް ނިކުތީ މޮޅުވާން ކަމަށާއި މިއަދުގެ މެޗްގައި ވިކްޓްރީގެ ޑިފެންސްލައިނުން ބައެއް މިސްޓޭކް ހެދުނު ނަމަވެސް ޖުމުލަކޮށް ކުޅުމާ މެދެ ހިތް ހަމަޖޭހޭ ކަމަށެވެ.
މީސީޒަނަށް އެންމެ ފަހުން ތައްޔާރުވާން ފެށި ޓީމަކީ ވިކްޓްރީއެވެ. ނާދު ބުނީ ޓީމުގެ ބޯޑުން އޭނާއާ ހަވާލުކޮށްފައި ވަނީ ޓީމު ގަދަ ހަތަރަކަށް ގެންގޮސް ދިނުން ކަމަށާއި ނަމަވެސް ވިކްޓރީއަށް ކުޅުންތެރިން ހޯދީވެސް އެހެން ހުރިހާ ޓީމަކަށް ކުޅުންތެރިން ހަމަކޮށް ޕްރެކްޓީސް ފެށި ފަހުން ކަމަށްވެފައި ގަދަ ހައެއްގައި ހިމެނުމުން ހިތް ހަމަޖެހޭ ކަމަށެވެ.
ބީޖީގެ ކޯޗް ޝާޒްލީ މުޙައްމަދު (ޝާޒް) ބުނީ މެޗަށް ނިކުތީ މެޗުން މޮޅުވެ ފުރަތަމަ ޑިވިޝނުން ޖާގަ ކަށަވަރުކުރުމަށް ކަމަށާއި ނަމަވެސް ވިކްޓަރީއަކީ މިފަދަ މެޗްތަކަށް ފަރިތަ ޓީމެއް ކަމަށްވުމުން އެ ޓީމާ ދެކޮޅަށް ކުޅެން ބީޖީއަށް އުނދަގޫވީ ކަމަށެވެ.
ޝާޒް ބުނީ ކޮންމެވެސް އެއްޓީމެއް ޕްލޭއޮފް ކުޅެން ޖެހޭނެ ކަމަށާއި މިފަހަރު އެކަންލައްވާލީ ބީޖީއަށް ކަމަށެވެ. އަދި ގްރީންސްޓަރީޓާ ދެކޮޅަށް ނިކުންނައިރު އެ ޓީމަށްވުރެ ޕްރެޝާ ބޮޑުވާނީ ބީޖީއަށް ކަމަށް ޝާޒް ބުންޏެވެ.
އެއީ ގްރީންސްޓްރީޓް މޮޅު ނުވިނަމަވެސް އެ ޓީމަށް ގެއްލޭނެ އިތުރު އެއްޗެއް ނޯންނާނެ ކަމަށާއި ނަމަވެސް ބީޖީ ބަލިވެއްޖެނަމަ ފުރަތަމަ ޑިވިޝަނުން ބީޖީއަށް ފުރުސަތު ގެއްލޭނެ ކަމަށެވެ.
ލީގްގައި މާދަމާއަކީ އެންމެ ފަހު ދުވަހެވެ. މާދާމާ ހަވީރު ކުޅޭ މެޗްުގައި ބައްދަލު ކުރާނީ މާޒިޔާއާ އީގަލްސްއެވެ. މާދާމާ ރޭ ކުޅޭ މެޗްުގައި ބައްދަލު ކުރާނީ ލީގް ޗެމްޕިއަން ނިއުރޭޑިއަންޓާ ލީގްގެ ދެ ވަނަ ޓީމް ޓީސީ ސްޕޯޓްސް ކުލަބެވެ.
މާދާމާ ރޭ ޗެމްޕިއަން ނިއުއަށް މުބާރާތުގެ ޓްރީފީ ހާވަލުކުރުން އޮންނާނެއެވެ. އެފްއޭއެމްއިން ވަނީ މާދަމާ ރޭ ދަނޑުގައި ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.