ޝަރީއަތަށް ހުށަހަޅާ މައްސަލަތަކަށް އަވަހަށް އިންސާފު ލިބިދިނުމަށް ކަމަށް ބުނެ، ޝަރުއީ ކޯޓުތައް މި ވަގުތު ރިސެސްއަށް ނުދިއުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައި ވަނީ ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކަށް އަވަހަށް އިންސާފު ލިބިގެން ދިއުމަކީ މުޖުތަމައުގެ ހަމަހިމޭންކަމާއި ސުލްހަމަސަލަސް ކަމާއި އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
އިގްތިސާދީ އައު ކުރިއެރުންތަކަށް ރާއްޖެ އަމާޒު ހިފާފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އެ އަމުރުގައި ބުނެފައިވެ އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މިހާތަނަށް އާންމުކޮށް ހިނގަމުން އައި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން މިވަގު ކޯޓުތައް ރިސެސްއަށް ދިއުމަކީ ގައުމީ މަސްލަހަތު ތަންދޭ ކަމެއް ނޫން ކަމަށް އެ އަމުރުގައިވެ އެވެ.
"ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުގެ މައްޗަށް ރިޔާއަތްކޮށް، ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުގެ މައްޗަށް ރިޔާއަތްކޮށް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ދުސްތޫރީ މަސްއޫލިއްޔަތު ކުރެއެކޭ އެއްފަދައަކުން އަދާކުރުންމަތީ ދެމިތިބުމަށް ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް އަންގަމެވެ،" ސުޕްރިމް ކޯޓުން ނެރުނު އަމުރުގައިވެ އެވެ.
އަހަރުގެ ފަހުކޮޅު ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވެސް ބައެއް މައްސަލަތަކުގެ ޝަރީއަތްތަށް ކުރިއަށް ގެންދެ އެވެ. އެގޮތަށް ކުރިއަށް ގެންދަނީ މުހިއްމު މައްސަލަތަކެވެ.