ގިނައިން ބާޒާރުކުރާ މީހުންގެ އުމުރު ދިގުވޭ: ދިރާސާ

ކަސްރަތުކުރުމާއި ހަރަކާތްތެރިވެ އުޅުމަކީ ސިއްހަތު ރަނގަޅު ދިގު އުމުރެއް ލިބޭ ކަމެއްކަމުގައި ޑޮކްޓަރުން ބުނަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ނަމަވެސް ގިނައިން ބާޒާރުކޮށް އުޅުމަކީ އުމުރު ދިގު ވާކަމެއްކަމުގައި ސައިންސްވެރިން ބުނި މިއީ ފުރަތަމަ ފަހަރެވެ.

ޓައިވާންގެ ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ގިނައިން ފިހަރާތަކަށް ގޮސް ، ބާޒާރުކޮށް އުޅުމަކީ މީހުންގެ ސިއްހަތު ރަނގަޅުވެ، އުމުރު ދިގުވާ ކަމެކެވެ. އަދި މިކަމުގެ ފައިދާ އެންމެ ބޮޑަށް ކުރަނީ ފިރިހެނުންނަށެވެ.

އޮންލައިން ޖާނަލް އޮފް އެޕިޑެމިއޮލޮޖީ އެންޑް ކޮމިއުނިޓީ ހެލްތުގައި ޝާއިއުކޮށްފައިވާ ޓައިވާންގެ ސައިންސްވެރިންގެ މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި ގިނައިން ބާޒާރުކުރުމަކީ ގަވައިދުން ޖިމަކަށް ގޮސް ކަސްރަތު ކުރުމަށްވުރެ ވެސް ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި ފައިދާތައް ކުރާ ކަމެކެވެ.
" ގިނައިން ބާޒާރުކުރަން ދިއުމުން ގިނަ އެކުވެރިންނާ ބައްދަލުވެ، އިޖުތިމާއީ ގުޅުން ރަނގަޅުވޭ، އެއީ އުމުރުން ދުވަސްވެފައިވާ މީހުންގެ އެކަނިވެރިކަން ފިލާ ނަފްސާނީ ގޮތުން ދުޅަހެޔޮވާ ކަމެއް،" ޓައިވާންގެ ނެޝަނަލް ހެލްތު ރިސާޗް އިންސްޓްޓިއުޓްގެ ސިއްހަތާ ބެހޭ މާހިރެއްކަމަށްވާ ޑރ. ޔޫ ހުން ޗޭން ވިދާޅުވެފައިވެ އެވެ.

މިދިރާސާގައި އުމުރުން 65 އަހަރުން މަތީގެ 1850 މީހުން ބައިވެރިކޮށްފައި ވެއެވެ. ދިރާސާއިން ހާމަވެފައިވާ ގޮތުގައި އުމުރުން ދުވަސްވީ ފިރިހެނުން މަރުވުމުގެ ފުރުސަތު ގިނައިން ބާޒާރުކުރުމުގެ ސަބަބުން 28 ޕަސެންޓަށް ކުޑަވާއިރު އެފަދަ އަންހެނުން މަރުވުމުގެ ފުރުސަތު ކުޑަވަނީ 23 ޕަސެންޓެވެ.
ޓައިވާންގެ ސައިންސްވެރިން ވިދާޅުވާ ގޮތުގައި ބާޒާރުކުރަން ދިއުމަކީ ރަސްމީކޮށް ހިންގާ ޖިމަކަށް ގޮސް ކަސްރަތު ކުރުމަށް ވުރެ ހުރިހާ ގޮތަކުން ވެސް ފަސޭހަކަމެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު