އޯޒޯން ހިމާޔަތް ކުރުމުގެ ބިލް ފާސްކޮށްފި

އޯޒޯން ފަށަލަ ހިމާޔަތް ކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން: ފޮޓޯ/ މަޖިލިސް

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ހިމެނޭ ކެމިކަލް ރާއްޖެ އެތެރެ ނުކުރުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ 58 މެމްބަރުންގެ ވޯޓުން ނެވެ.

ބިލުގައި ބުނެފައި ވަނީ އޯޒޯން ފަށަލަ ހިމާޔަތް ކުރުމާ ބެހޭ ގޮތުން ނުވަތަ އޯޒޯން ފަށަލައާ ބެހޭ ގޮތުން ރާއްޖެ އިން ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އެއްބަސްވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ އެފަދަ ކެމިކަލެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެފަދަ ކެމިކަލެއް އެތެރެ ކުރަން ބޭނުންވާ ފަރާތަކުން ކަމާ ބެހޭ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އޭގެތެރެއިން ބައެއް ކެމިކަލުތަކަކީ އަންނަ މަހުގެ 31 އިން ފެށިގެން ރާއްޖެ އެތެރެ ނުކުރެވޭނެ ކެމިކަލްތަކެކެވެ.

ބިލުގައި ބުނެފައި ވަނީ ކަމާ ގުޅޭ މިނިސްޓްރީގެ ހުއްދަ ނެތި އެހެން ފަރާތަކުން އޯޒޯން ފަށަލައަށް ގެއްލުން ލިބޭ ފަދަ ކެމިކަލެއް ރާއްޖެ އެތެރެކޮށްފި ނަމަ އެ މީހެއްގެ އަދަބަކީ އެތެރެ ކުރާ ކޮންމެ ކިލޯ ގްރާމަކަށް 1000 ރުފިޔާ އާޢި 8000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެ ބިލު އިއްޔެ މަޖިލީހަށް ހުށަހަޅުއްވަމުން ފާރިސް ވިދާޅުވީ ދުނިޔޭގެ ތިމާވެށްޓަކީ އިންސާނުންގެ މަސައްކަތް ހުރި ގޮތުން، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ތިމާވެށްޓެއް ކަމުގައި މިހާރު ސައިންޓިސްޓުން އެއްބަސްވާ ކަމެއް ކަމަށެވެ. ހާއްސަގޮތެއްގައި މިހާރު ދިމާވާ ކްލައިމެޓް ޗޭންޖުގެ ހުރިހާ މައްސަލަތަކަކީ ވެސް އިންސާނީ މަސައްކަތްތަކުން އަންނަ ބަދަލުތަކެއް ކަމަށް އެންމެން ވެސް ގަބޫލު ކުރާ ކަމަށް ފާރިސް ވިދާޅުވި އެވެ.

comment ކޮމެންޓް