"ކަރުނަޔާ އޮހޮރޭށެ އަދި ވެސް ހިތް މި ރޯ ރުއިމަށް ޓަކައި" މިއީ އަލް މަރުޙޫމް ޢަބުދުﷲ ޙަމީދުގެ ހަނދާނުގައި މުޙައްމަދު އާމިރު (ފަރެސް) ހެއްދެވި ޅެމެއް ފައްޓަވާފައިވާ އިބާރާތެވެ.
ދައުލަތުގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ، އަދި ދިވެހި ބަހުގެ އަދަބިއްޔާތަށް ގިނަ ހިދުމަތް ތަކެއް ކުރައްވާފައިވާ ޢަބުދުﷲ ޙަމީދުގެ ހަނދާނުގައި މިރޭ ބޭއްވި "ތަޢުބީނުގެ ޖަލްސާ" ކުރިއަށް ދިޔައީ އެ އިބާރާތާ ދާދި އެއް ގޮތަށެވެ.
ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ޢަބުދުﷲ ޙަމީދުގެ ދަރިދަރި ކަނބަލުންނާއި ދަރިދަރިކަލުން ބައިވެރިވަޑައިގެންނެވި އެވެ. އަދި ހަމީދުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމާއި އެއްބަފާ ކޮށްކޯފުޅު، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ބައިވެރިވަވަޑައިގެންނެވި އެވެ. އަދި ޙަމީދު އަރިހުގައި އެކި ދުވަސްވަރު މަސައްކަތް ކުރެއްވި ގިނަ ބޭބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްސާ ފެށުމާ އެކު ޢަބުދުﷲ ޙަމީދުގެ އެކި އެކި ޚިދުމަތްތަކާއި ރަނގަޅު ސިފަފުޅުތަކުގެ ވާހަކަތައް ޖަލީސުންނަށް އަޑު އިވިވަޑައިގަންނަވަން ފެށްޓެވި އެވެ. ވާހާކަ ދެއްކެވި ބޭފުޅުންގެ ދޫފުޅުންނާއި ޅެމުގެ ގޮތުގަ އެވެ. އަޑު ރީތި ލަވަކިއުންތެރިން މަޑު މޮޅި ރާގުތަކެއްގައި ކީ ލަވަތަކުގެ ގޮތުގަ އެވެ.
ވަރަށް ހިތްވަރު ކުރައްވައިގެން ތިއްބެވި ޙަމީދުގެ ބޭބޭފުޅުންގެ ލޯފުޅުން ކަރުނަތައް އޮހޮރެން ފެށީ އެހިސާބުންނެވެ. ބައެއް ބޭފުޅުންނަށް ހަމަ ރަނގަޅަށް ކީރިތި ކުރެއްވުނު ތަން ފެނިގެން ދިޔަ އެވެ.
ޙަމީދުގެ ހިދުމަތްތަކާ ބެހޭ ގޮތުން ފުރަތަމަ ވާހަކަ ފުޅު ދެއްކެވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ އެވެ. އޭނާ ވިދާޅުވީ ދިވެހި ބަހުގެ އަދަބިއްޔާތަށް އެމަނިކުފާނު ކުރައްވާފައި ކަމަށެވެ. އެމަނިކުފާނަކީ އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ރާއްޖެއަށް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޢަބުދުﷲ ޙަމީދު އަރިހުގައި ކުރީގެ ރައީސް މައުމޫނުގެ ކެބިނެޓްގައި އަދި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަޙުމަދު ޒާހިރު (ސީނާ ޒާހިރު) ވެސް އެމަނިކުފާނާ ބެހޭ ގޮތުން އަސަރު ގަދަ ވާހަކަކޮޅެއް ދެއްކެވި އެވެ. އެއީ ހިދުމަތްތެރިން އުފެއްދެވި ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޙަމީދުގެ ތަޤުރީރުތައް އެއްކޮށްލައިގެން ޕަބްލިކް ސާވިސް މީޑިއާ ( ޕީއެސްއެމް) އިން ތައްޔާރުކޮށްފައިވާ ސީޑީއަކާއި އެމަނިކުފާނުގެ ހަނދާނުގައި ދިވެހި ބަހުގެ އެކަޑަމީން ހުޅުވި ތައުޒިޔާގެ ދަފްތަރު މިރޭގެ ޖަލްސާގައި އާއިލާއާ ހަވާލުކުރިއެވެ. އެތަކެތި އާއިލާއާ ހަވާލުކޮށްދެއްވީ ރައީސް ޔާމީނެވެ.
ހަމީދަކީ ގައުމަށް ގެއްލިގެންދިޔަ ޖަވާހިރެއް: މައުމޫން
މަރްޙޫމް ޙަމީދުއާ އެބޭފުޅެއްގެ އަރިހުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި، ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު ވާހަކަފުޅު ދެއްކެވީ އެންމެ ފަހުންނެވެ. މައުމޫނު ވިދާޅުވީ ޙަމީދުގެ ޝަޚުސިއްޔަތުގެ ތަޅުދަނޑިއަކީ ވެވަޑައިގެންނެވި އެންމެ ރަނގަޅަކަށް ކޮންމެ ކަމެއް ވެސް ކުރެއްވުމުގެ ވަރުގަދަ އަޒުމު ކަމަށެވެ.
"...އަލް އުސްތާޒް އަލް މަރުޙޫމް ޢަބުދުﷲ ޙަމީދުގެ ޝަޚުސިއްޔަތުގެ ތަޅުދަނޑި ކަމަށް އަޅުގަނޑު ދަންނަވާނީ ކޮންމެ ކަމެއް ވެސް ވެވަޑައިގެންނެވި އެންމެ ރަނގަޅަކަށް ކުރެއްވުމުގެ ވަރުގަދަ އަޒުމޭ. އެމަނިކުފާނުގެ ހަޔާތްޕުޅުގެ މައްޗަށް ބަލާލާއިރު މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ހަމީދަކީ ގައުމަށް ގެއްލިގެން ދިޔަ ޖަވާހިރެއް ކަމަށެވެ.
"ހަމީދުގެ ސާބިތުކަމަކީ އެއްވެސް ހެއްކެއް ބޭނުންވާނެ ކަމެއް ނޫން. އަބްދުﷲ ހަމީދަކީ ދިވެހި ގައުމަށް ގެއްލިގެން ދިޔަ ޖަވާހިރެއް. އަޅުގަނޑުމެން ވަރަށް ގިނަ ވަގުތު ހޭދަކުރި ނަމަވެސް އެމަނިކުފާނު ކޮށް ދެއްވާފައިވާ ޚިދުމަތްތަކުގެ ކުޑަ މިންވަރެއް ވެސް އަޅުގަނޑުމެންނަށް ހަނދާނަށް ނުގެނެވޭ ނުވަތަ ދުލުން ބަޔާން ނުކުރެވޭނެ ފަދަ ޚިދުމަތްތަކެއް އެމަނިކުފާނަކީ،" މައުމޫން ވިދާޅުވި އެވެ.