އޯޒޯން ހިމާޔަތް ކުރުމުގެ ބިލް ކޮމެޓީން ފާސްކޮށްފި

އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އެކުލަވާލި ވަގުތީ ކޮމެޓީގައި ކަމާ ގުޅޭ ކުންފުނިތަކުގެ ބޭފުޅުންނާ މަޝްވަރާ ކުރަނީ: ސަން ފޮޓޯ/ އަލީ ނަސީރު

އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތައް ހިމެނޭ ކެމިކަލް ރާއްޖެ އެތެރެ ނުކުރުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ބިލު ފާސްކުރަން ނިންމީ އެވަގުތު ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

މިއަދުގެ ބައްދަލުވުމުގައި އެފަދަ ކެމިކަލްތައް ރާއްޖެ އެތެރެކޮށް، ބޭނުން ކުރާ ފަރާތްތަކާ ކޮމެޓީގެ މެމްބަރުން ވަނީ ބައްދަލުކޮށްފަ އެވެ. އެގޮތުން ބުރައިޓު ބުރަދާސް އާއި މިފްކޯ އާއި އެސްޓީއޯގެ އިތުރުން ހޮރިޒޯން ފިޝަރީޒްއާ މިއަދު ވަނީ ބައްދަލުކޮށްފަ އެވެ. ހަމައެއާއެކު އެންސިސް ކުންފުންޏާ އެކު ވެސް މިއަދު ކޮމެޓީގެ މެމްބަރުން ވަނީ ބައްދަލުކުރައްވާ އެ ބިލާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި މިފްކޯއިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ހިމެނޭ އެއްވެސް އެއްޗެއް ނުގެންގުޅުމަށް ކަމަށެވެ. ބުރައިޓު ބުރަދާސް އިން ބުނީ އެ ކުންފުނިން އެކި ކަހަލަ ކެމިކަލްތައް ގަންނަ ކަސްޓަމަރުންނަށް އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާ ހިމެނޭ އެއްޗެހިން ބޭނުން ނުކުރުމަށް އަންގާފައިވާނެ ކަމަށާއި އަދި އެފަދަ ތަކެތި އެ ކުންފުނިން އެތެރެ ކުރުން ވެސް މިހާރު ހުއްޓާލާފައިވާ ކަމަށް ވެސް ބުރައިޓު ބުރަދާސް އިން ބުންޏެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އޯޒޯން ފަށަލަ ހިމާޔަތް ކުރުމާ ބެހޭ ގޮތުން ނުވަތަ އޯޒޯން ފަށަލައާ ބެހޭ ގޮތުން ރާއްޖެއިން ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި އެއްބަސްވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށެވެ.

ބިލުގައި ބުނެފައި ވަނީ އެފަދަ ކެމިކަލެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެފަދަ ކެމިކަލެއް އެތެރެ ކުރަން ބޭނުންވާ ފަރާތަކުން ކަމާ ބެހޭ މިނިސްޓުރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އޭގެތެރެއިން ބައެއް ކެމިކަލުތަކަކީ އަންނަ މަހުގެ 31 އިން ފެށިގެން ރާއްޖެ އެތެރެ ނުކުރެވޭނެ ކެމިކަލްތަކެކެވެ.

ބިލުގައި ބުނެފައި ވަނީ ކަމާ ގުޅޭ މިނިސްޓުރީގެ ހުއްދަ ނެތި އެހެން ފަރާތަކުން އޯޒޯން ފަށަލައަށް ގެއްލުން ލިބޭ ފަދަ ކެމިކަލެއް ރާއްޖެ އެތެރެކޮށްފި ނަމަ އެ މީހެއްގެ އަދަބަކީ އެތެރެ ކުރާ ކޮންމެ ކިލޯ ގުރާމަކަށް 1000 ރުފިޔާއާ 8000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެ ބިލު އިއްޔެ މަޖިލީހަށް ހުށަހަޅުއްވަމުން ފާރިސް ވިދާޅުވީ ދުނިޔޭގެ ތިމާވެށްޓަކީ އިންސާނުންގެ މަސައްކަތް ހުރި ގޮތުން، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ތިމާވެށްޓެއް ކަމުގައި މިހާރު ސައިންޓިސްޓުން އެއްބަސްވާ ކަމެއް ކަމަށެވެ. ހާއްސަގޮތެއްގައި މިހާރު ދިމާވާ ކްލައިމެޓް ޗޭންޖުގެ ހުރިހާ މައްސަލަތަކަކީ ވެސް އިންސާނީ މަސައްކަތްތަކުން އަންނަ ބަދަލުތަކެއް ކަމަށް އެންމެން ވެސް ގަބޫލު ކުރާ ކަމަށް ފާރިސް ވިދާޅުވި އެވެ.

comment ކޮމެންޓް